ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރަށްވައި ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރަށްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެއް ކަމަށެވެ.

މިއަދު ޝަރަފް އެރުވުނު 148 ބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ 48 ބޭފުޅަކަށްވެސް ޝަރަފްގެ ބެޖާއި އައްޑަނަ އަރުވާފައިވެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 148 ބޭފުޅުންގެ ތެރެއިން 34 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މިފަހަރު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ޙާޞިލްކުރެއްވީ 65 ބޭފުޅެކެވެ.

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު މާހާ އަލްފާޟިލާ އާމިނަތު ވަޙީދާއާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ، ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި، އަނގޮޅިތީމު ފެހިވިލާގޭ އަލްފާޟިލް އަޙްމަދު ރަޝީދާއި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓްކަން ކުރެއްވި ގަލޮޅު ފަސާނާ ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން