އަހުމަދު ޝާހް   29 ޖުލައި 2023 - 18:56
މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން އުފާ ކާނިވާ" މިރޭ ހުޅުވާނެ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވާ ރަސްމީކޮށް ހުޅުއްވައިދެއްވާނީ މިރޭ 20:00 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. "މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީންނެވެ.

ދާޚިލީ ވުޒާރާއިން ބުނީ މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުންވެސް މިއަދު ހަވީރު 4:30 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެކަމަށެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން އިންތިޒާމް ކުރި މި ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ހަރަކާތްކަމަށް ސަރުކާރުން ބުނެއެެވެ.

ކާނިވަލުގެ އިތުރުން ހަވާއެރުވުމާއި ޑްރޯން ޝޯ ވެސް މިރޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.

މި ކާނިވަލުގެ ހަރަކާތްތަކުގެ ތެރޭގައި ގޭމް ސްޓޯލްތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކުމަށް ޚާއްޞަ ފުޑް ސްޓްރީޓްއާއި، ފްލޯޓްތައް ދައްކާލުމުގެ އިތުރުން ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯއަކާއި ލައިވް މިއުޒިކް އަދި ކަރޯކޭ ބޮކްސް އާއި ހަވާ އެރުވުން ހިމެނެއެވެ. އަދި، ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގްގެ ހަރަކާތްތައް ބާއްވާނެއެވެ.

ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެއެވެ.

މިރޭ ހުޅުވާ "މިނިވަން އުފާ ކާނިވާ" އަންނަ މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން