ފަހަކަށްއައިސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވަނީ އެއްވެސް އަސްލެއްނެތް ތާކުންތާކުނުޖެހޭ ބޭކާރު ވާހަކަތަކެެއްކަމަށާ، އެކަމަށް ރައްދުދެއްވައި ޖަވާބުދެއްވާނެ ވަގުތެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެންމެފަހުން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބާއެކު ނަޝީދު ގެންދަވަނީ ދޭތެރެދޭތެރެއިން ރައީސް ޞާލިޙަށް ނިސްބަތްކުރައްވައި އެކިކަހަލަ ހުތުރު ތުހުމަތުތައް ކުރައްވަމުންނެވެ. އެހެންމަވެސް ރައީސް ޞާލިޙު މިކަންކަމަށް ޖަވާބުދެއްވައި ރައްދުދެއްވައެއް ނުހައްދަވައެވެ. އަދި ސަރުކާރަކުންވެސް މިކަމަށް ރައްދެއް ނުދެއްވައެވެ.

ތަރުޖަމާނު މިއުވާން ވިދާޅުވީ ނަޝީދު އެދައްކަވަމީ އެއްވެސް އަސްލެއް ނެތް ތާކުންތާކުނުޖެހޭ ވާހަކަތަކެއްކަން އެންމެންނަށްވެސް އެނގޭކަމަށެވެ. އަދި ރައްޔިތުންނަށް އެކަން ވަރަށް ސާފުކަމަށާ، އެކަމަށް ރައްދުދެއްވުމަށްވުރެ ކުރަންޖެހޭ މުހިންމު ކަންކަން އެބަހުރިކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންކަމުން ނަޝީދަށް ރައްދުދޭނެ ވަގުތެއް ނެތްކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް ޞާލިޙަކީ ފޮރުވާފައިވާ ސިޔާސަތެއް ސިއްރު އެޖެންޑާއެއް ގެންގުޅުއްވާ އަދި ގެންގުޅުއްވާނެވެސް ބޭފުޅެއް ނޫންކަމަށާ، އެމަނިކުފާނުގެ ސިޔާސަތުތައް އެގެންދަވަނީ ތަންފީޒުކުރައްވަމުން ކަމަށް މިއުވާން ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވުމާއި ޤައުމު ތަރައްޤީކުރުންކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް ނަޝީދު އެންމެފަހުން ރައީސް ޞާލިޙަށް ތުހުމަތުކުރެއްވީ އެމަނިކުފާނާ މަސްތުވާތަކެއްޗާ ގުޅުމެއް އޮންނަކަމަށެވެ. އޭގެކުރިން ވަނީ އެމަނިކުފާނުގެ އުމުރުފުޅާއި ސިއްޙީ ޙާލަތާ ގުޅޭގޮތުން ސާބިތުނުހިފޭ އަސްލެއް ނެތް ބައެއް ވާހަކަތައް ދައްކަވައި ހަޖޫ ޖައްސަވައި ހުތުރުބަހުން ވާހަކަފުޅުދައްކަވާފައެވެ.

މީގެ ދުވަސްކޮޅެއްކުރިން ރައީސް ނަޝީދު ވަނީ ބަދުއަޚުލާޤީ އަމަލެއް ރައީސް ހިންގެވިކަމަށް ތުހުމަތުކުރައްވައި އެކަން ސާބިތުވާ 4 ގުނަ ފޮޓޯވެސް އޮތްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ފަހުން އެއީ އަސްލެއް ނޫންކަމަށް ވިދާޅުވެ ކުރިން ހެއްދެވީ އިތުރުފުޅެއްކަން ވަނީ ހާމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން