ފުލުހުންގެ ބައެއް އޮފިސަރުން ގައުމީ މަސައްކަތުގައި ހަރަކާތްތެރިވަނީ
ފުލުހުންގެ ބައެއް އޮފިސަރުން ގައުމީ މަސައްކަތުގައި ހަރަކާތްތެރިވަނީ
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން ނުކުމެ މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނާތީ ކަންބޮޑުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނިޔާގެ މައްސަލަތަކަކީ ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ހާއްސަ ސަމާލު ކަމެއް ދީގެން ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ ކުށުގެ އަމަލުތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވައި، އެފަދަ ކުށްތަކުން، ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން، ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ވަކިބަޔަކު ކަނޑައެޅި އެބާވަތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކޮށްދީ، އެހުނަރުތައް ޒަމާނާއި ކުށާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްގީކުރުމާއި، އެފަދަ ތަހުގީގުތައް ހިންގުމުގެ ނިޒާމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަކީ އަބަދުވެސް ސަމާލުކަންދޭ، އަދި މިހާރު އަމަލުކުރެވެމުންދާ ސްޓްރެޓީޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް ދީފައިވާ ކަންކަން ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިބާވަތްތަކުގެ ކުށްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މުޖުތަމަޢުގެ އެކިދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓް ކުރެވޭނޭ ފަސޭހަގޮތްތައް ތައާރަފްކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގުމަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއެންމެހާ ކަންކަމަކީ މިދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބޭރު ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެވެސް އެހީތެރިކަމާ އެކު ކުރެވެމުންދާ ކަންކަން ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައި ހުރިކަންކަން ހުރިކަމާއި ނަތީޖާ ހާސިލުވާނޭގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަށް ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ ފުލުހުން ތަރުހީބުދޭ ކަންކަން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

"އެހެންނަމަވެސް، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ މީޑިއާގެ ބައެއްވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަވަމުން ގެންދާތީ އެކަމާމެދު މިސާވިސްއިން ކަންބޮޑުވުން ފާޅުކުރަމެވެ." ފުލުހުން ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ޒިންމާދާރު ގޮތަކީ ކޮންމެކަމެއްގައިވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހުގައި ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކުން ކަމަށެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުންފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް، މިފަދަ ހައްސާސީ ކަންކަމުގައި، ވަކިން ހާއްސަކޮށް، ކަމުގެ ހަގީގަތް ނުއޮޅޭނޭގޮތަށް ވާހަކަދެއްކެވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމުގައި މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، އިސް ސަފުގައި މަސައްކަތްކުރަމުން ގެންދާނޭކަމުގެ ޔަގީންކަންދޭ ކަމަަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިރޮގުން، އެކި ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ދެވެން އޮތްއެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެ ކަންބޮޑުވުންތަކެއް ހާމަކޮށްފައިވާއިރު ދާދިފަހުން ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީއެއްގައި ހިނގާ ދިޔަ ކަމަށް ބުނާ ރޭޕް ކޭސް ނުވަތަ ޖިންސީ ގޯނާގެ ހާދިސާއާއި ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ދަނީ އަމާޒު ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން