ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބެއްގައެވެ. ރައީސް ސޯލިހް ފޮނުއްވި ޚިތާބުގައި ވިދާޅުވީ، މި އަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރިއިރު، ދުނިޔޭގެ އާބާދީ އަރައި ހަމަކޮށްފައި ވަނީ، އިންސާނީ ތާރީޚުވެސް ނުދެކޭފަދަ، ނުރައްކާތެރި ބިރުވެރި ދުވަސްތަކަކާ ކަމަށެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ފެނުނު ކޮވިޑް-19، މުޅި ދުނިޔެއަށް ފެތުރި، މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި، 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، ފަސް ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އަހަރުގެ އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވަނީ "ކޮވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި ޝިޢާރެވެ. ކޮވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިޤްތިޞާދެއް ނެތް ކަމަށާއި ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމަޢެއް ނެތްކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ ޢާއިލާއެއް ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެތެރެއިންވެސް، މިބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށެވެ. އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމަށާއި ރާއްޖޭގައިވެސް ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމަށް ރައީސް ވިދާޅުވިއެވެ. ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

"ޞިއްޙީ ޚިދުމަތުގެ ނިޒާމަށްވެސް މިއީ ވަރަށް ބާރު ބޮޑު ދުވަސްވަރެކެވެ. އޭގެ ސަބަބުން ޢާންމު ޞިއްޙަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހަމައެފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް، ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ދަނީ ފޯރަމުންނެވެ. ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެއެވެ. މިއީ ޚާއްޞަ އިސްކަމެއް ދީގެން ޙައްލުކުރަން ޖެހިފައިވާ ކަންކަމެވެ." ރައީސްގެ ޚިތާބުގައިވެއެވެ.

ދިވެހިރާއްޖެއަކީ، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ، ކޮވިޑް-19 ފަދަ ބޮޑެތި ބަލިތަކާއި އެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން