11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އަނީސް
11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އަނީސް
މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށައަޅައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމް ކުރުވައިގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައާއި، އެމައްސަލައާ ގުޅިގެން އަނީސް ޙިލްމީގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށް 3 ދައުވާއެއް ޕީޖީ އޮފީހުން އުފުލާފައިވެއެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ އަދި ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ އެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މި މައްސަލައާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަހަލަ ކުށް ކޮށްފައި ސަލާމަތް ނުވާނެކަން އެނގެންޖެހޭނެ ކަމަށެވެ. އަދި އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު މިފަދަ މައްސަލަތަކުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

11 އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން