ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު
ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކުރަމުންދާ ކަމަށެވެ. އެ ގެ ބަލާ ފާސްކުރަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ނަމަވެސް އެ އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.



އަލީ ވަހީދު ވަޒީރު ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެންގެވުމުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ ޖުލައި ނުވަ ވަނަ ދުވަހުއެވެ.



އެކަމާއި ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހިންގުން ވަގުތީގޮތުން ވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައެވެ. މި މައްސަލައިގައި އަލީ ވަހީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް ކަމުން ވަކި ކުރުމަށް އެޕާޓިގެ ކައުންސިލަށް ވަނީ ހުށަހަޅާފައެވެ.



މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވިޔަސް އަލީ ވަހީދު ވިދާޅުވެފައި ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން