ރާއްޖޭގެ އެންމެ އުތުރު ނުވަތަ ބޮޑު ތިލަދުންމައްޗަށް ތަރައްޤީގެގޮތުން ބޮޑު ބަދަލެއް ދެންވެސް ގެނެވޭނީ މިސަރުކާރަށްކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އުތުރުގެ ކެމްޕެއިން ދަތުރުފުޅުގައި ހދ.ހަނިމާދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެމުންދާއިރު ބޮޑުތިލަދުންމައްޗަށް ތަރައްޤީގެ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރުގެ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރައްވަން ސަރުކާރުން މިހާރު ފަށްޓަވާފައިވާ މަޝްރޫޢަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް އަންނަ ތަރައްޤީގެ އަސަރު މުޅި އުތުރުގެ ސަރަޙައްދަށް ކުރާނެކަމަށާ، އެއީ ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ. ހަނިމާދުއަކީ އެބަދަލުގެ މައި ދޮރާށީގެގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ކުރީގެ ސަރުކާރުން އޮތީ މިސަރަޙައްދުގެ ގިނަ ރަށްރަށުގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކޮށް ރަށްތައް ބާކީކޮށްލާފައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު އެއްފަހަރާ މި ސަރަޙައްދުގައި ގިނަ މަޝްރޫޢުތަކެއް ފަށަން ޖެހުނުކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރައްވަނީ ރޭވުންތެރިކަމާއެކު ދުރު މުސްތަްުބަލަށް ވިސްނައިގެންކަމަށެވެ.

ހަނިމާދުއަކީ ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ އެއް މަރުކަޒުކަމަށާ، މީގެ 500 އަހަރު ކުރިއަށް ބަލާއިރު ވެސް ކަން އޮތީ މި ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއަދު އަންނަމުން މިދާ ތަރައްޤީއާއެކު މިސަރަޙައްދު މުޅިން ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓާއެކު އުތުރަށް އަންނަންޖެހޭ ތަރައްޤީގެ ބަދަލު މިހާތަނަށް އޮތީ ނައިސްކަމަށާ، ކުރީގެ ސަރުކާރުތަކުން ނަމެއްގައި އެތަނުގެ ނަންބޯޑު އިންޓަނޭޝަނަލްއަށް ބަދަލުކުރިޔަސް ހަޤީޤީ ބަދަލެއް ނާންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މިސަރުކާރުން މިހާރުމިވަނީ 1.5 މިލިއަން ފަސިންޖަރުންނަށް އަހަރަކު ޚިދުމަތް ދެވޭ ފެންވަރަށް މި އެއާޕޯޓު ތަރައްގީކުރަން ފަށާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ހަނިމާދޫގައި ނުހެދި ހުރި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށާ، ހުރިހާ ކުޅިވަރެއް ކުޅެވޭހެން ސްޕޯޓްސް ކޮމްޕްލެކްސްއެއް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްްގީ ކުރައްވާނެކަމަށާ، އިތުރު ހައުސިން ޔުނިޓުތައް ރަށުގައި ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން