ޑރ. އަލީ އަބްދުﷲ ލަތީފް
ޑރ. އަލީ އަބްދުﷲ ލަތީފް
ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވޭތޯ ނުވަތަ ނޫންތޯ ބަލަނީ މައިގަނޑު ފަސް ކަމަކަށް ބަލައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްކޮންފަރެންސްގައި ޓެގުގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވީ ހާލަތު ގޯސްވޭތޯ ނުވަތަ ނޫންތޯ ބަލަނީ މައިގަނޑު ފަސް ކަމަކަށް ބަލައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ހާލަތު ވަޒަންކުރަން ބަލާ ފުރަތަމަ ކަމަކީ ފްލޫ ކްލިނިކްތަކަށް ދައްްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކަމަށާއި، ދެ ވަނަ އަށް ބަލާ ކަމަކީ ބަލީގައި މަރުވާ މީހުންގެ އަދަދު ކަމަށެވެ. ތިން ވަނަ ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ދެ ގުނަވާން ހޭދަވާ މުއްދަތަށާއި ހަތަރު ވަނަ ކަމަކީ ކްލަސްޓާ އަކާ ނުގުޅި ހުންނަ ކޭސްތައް އިތުރުވާ މިންވަރު ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ. ފަސްވަނަ ކަމަކީ ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރާ އަދަދު ކަމަށް ވެސް ޑރ. އަލީ އަބްދުﷲ ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވަންޏާ ހޮސްޕިޓަލްގެ ބެޑްތަކަށް ފުދޭ ވަރަކަށް މީހުން ގިނަވެގެން ގާތްގަނޑަކަށް 80 ޕަސެންޓާ ހިސާބަށް ގޮސްފިއްޔާ އޭގެ މާނައަކީ މާލެ ތެރޭގައި އެ ބަލި ވަރަށް ބޮޑަށް ފެތުރިގެން އަޅުގަނޑުމެން ލޮކްޑައުންއަކާ ހިސާބަށް ދާން ޖެހިދާނެ." އަލީ ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލަތު ބަލާ މިންގަނޑުތަކުގައި ފިޔަވަޅުތައް ބަދަލުކުރާނެ ސްޓޭޖްތަކެއް ހުންނަ ކަމަށާއި އެއީ ތިން ސްޓޭޖެއް ކަމަށެވެ. ބަލަމުން އަންނަ ބައެއް ކަންތައްތައް އަދި ހުރީ ސްޓޭޖް އެކަކަށް ވުރެ ވެސް ދަށުގައި ކަމަށާއި އެކަމަކު ބައެއް ކަންތައްތައް ގޯސްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ގިނަވަންޏާ އޭގެ މާނައަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރެމުން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ އެ މިންގަނޑުތަކުން ބަލައި ކޮންމެ ހަފުތާއަކު ވެސް ހާލަތު ވަޒަން ކުރާނެ ކަމަށެވެ.

ހާލަތު ގޯސްވާ ނަމަ އަޅަން ޖެހިދާނެ ފިޔަވަޅުތަކަކީ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި އޮފީސްތައް ބަންދުކުރުން ކަމަށް ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

"އެކަމަކު މިވަގުތު އިރާދަފުޅުކުރެއްވިއްޔާ (ކަންތައްތައް) ހުރީ ރަނގަޅަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މިގޮތަށް ކޭސްތައް އިތުރުވެގެން ދާ ނަމަ ހަަމަ ގޯސްވެގެން ގޮސްދާނެ." އޭނާ ވިދާޅުވި އެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލުވާ މިންވަރު ބަލާ މިންގަނޑުތަކުން މާލޭގެ ހާލަތު އަދި ރަނގަޅު ކަމަށާއި ނަމަވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން