ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ދެވަނަ ދައުރުގައި އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ހުންނާނެކަމަށް އެމަނިކުފާނުގެ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ހިމަނުއްވައިފިއެވެ.

މިކަން ހާމަކުރެއްވީ ރޭ އިފްތިތާޙުކުރި އެމަނިކުފާނުގެ އާ ދައުތުގެ މެނިފެސްޓޯގެ ފުރަތަމަ ބައިގައެވެ. އުފާވެރި އަމާން ރާއްޖޭގެ ނަމުގައި އެކުލަވާލާފައިވާ މެނިފެސްޓޯގެ ފުރަތަމަ ބަޔަކީ އުފާވެރި ދިރިއުޅުމެވެ. ފުރަތަމަ ބައިގައި އެންމެ އިސްކަމެއް ދެއްވާފައި ވަނީ ސިއްޙީ ޚިދުމަތާއި ދުޅަހެޔޮކަމަށެވެ.

އެގޮތުން އަންނަ ދައުރުގައި މިދާއިރާއިން ގިނަ ކަންތައްތަކެއް ކުރައްވަން ވަނީ ކަނޑައަޅުއްވައި ހާމަކުރައްވާފައެވެ. އޭގެތެރޭގައި ނެޝެނަލް ހެލްތް ސަރވިސް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްދޭ ފަރާތާއި ހިދުމަތް ރެގިއުލޭޓްކުރާ ފަރާތްވަކިވާ، ފެންވަރު އެކަށައެޅޭ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

އަދި ސަރަހައްދީ ފެންވަރުގައި ލިބެން ހުންނަ ހިދުމަތްތައް ރަށު ފެންވަރުގައި ލިބޭނެ ގޮތަށް (ކެއަރ ކޯޑިނޭޝަން) ނިޒާމު ގާއިމުކުރުމާއި ސިއްހީ ހިދުމަތުގެ މިންގަނޑުތައް (ސްޓޭންޑަރޑްތައް) ކަނޑައެޅި ސިއްހީ ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު (ކްލިނިކަލް ޕާތްވޭ) ހަދައި ސިއްހީ ފަރުވާއަށް އިތުބާރު ހޯއްދަވާނެކަމަށް ހާމަކޮށްފައިވެއެވެ.

މިއާއެކު ރައީސް ޞާލިޙުގެ ދެވަނަ ދައުރުގައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު އެކަށައެޅޭ ނިޒާމު ހަރުދަނާވެ، ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ބޮޑުވާނެކަމަށާ، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ދަރަޖަ ކުރެވިފައިވާ މިންގަނޑު މުރާޖައާކޮށް، އާ ހިދުމަތްތައް އެކުލެވޭހެން ސިއްހީ ހިދުމަތްދޭ މަރުކަޒަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ދަރަޖަ ކުރެވޭ މިންގަނޑާ އެއްވަރަށް ފޯރުކޮށްދޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ބޭސް ސަރަހައްދީ ގުދަންތަކުގައި ގުދަންކުރެވި ދެމެހެއްޓިނިވިގޮތެއްގައި ޑިސްޓްރިބިއުޓް ކުރާނެކަމަށާ، ނެޝެނަލް ބަޔޮމެޑިކަލް އިކުއިޕްމަންޓް ސެންޓަރެއް ގާއިމުކޮށް، އިކުއިޕްމަންޓް ހާމަނައިޒްކޮށް، އާލާތެއް ހަލާކުވެއްޖެނަމަ ސަރވިސް ސެންޓަރުން ރިޕެއަރކުރެވޭއިރު، އެހެން އާލާތެއް ބޭނުންކުރެވޭގޮތަށް ބެކްއަޕް ހަމަޖެހޭނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މެޑިކަލް ސްކޫލް ފުޅާކޮށް، ސްޕެޝަލިސްޓް ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނުކުރާނެކަމަށާ، ބަލިން ރައްކާތެރިކުރުވުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު މީހުން ހޭލުންތެރިކުރުވާ، ސްކްރީނިންގް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖެނެރަލް ޕްރެކްޓިޝަނަރސް ކްލިނިކްތައް ގާއިމުކޮށް، ފެމިލީ ހެލްތް ވޯކަރުންގެ މަސްއޫލިއްޔަތު ފުޅާކޮށް، ރަށުގެ އެންމެންގެ ސިއްހީ އަދި ނަފްސާނީ ހާލަތު ވަޒަންކުރެވި ދުޅަހެޔޮކަން ކަށަވަރުކުރާނެކަމަށްވެސް ރައީސް ޞާލިޙުގެ މެނިފެސްޓޯގައި ހާމަކޮށްފައިވެއެވެ.

އަދި އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖްތިމާއީ އެހީތެރިއެއް ހުންނާނެކަމަށާ، މި އިޖްތިމާއީ އެހީތެރިޔާ މެދުވެރިކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް މެނިފެސްޓޯގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން