ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެވަނަ ދައުރުގައި ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި މޮޓޯ ސައިކަލް ޕެރަމެޑިކްސް ތަޢާރަފްކުރައްވާނެކަމަށް ހާމަކުރައްވައިފިއެވެ.

އަންނަ ދައުރުގެ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތުގެތެރެއިން ތަޢާރަފްކުރާ މޮޓޯސައިކަލް ޕެރަމެޑިކްސްއަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގައިވެސް ބޭނުންކުރާ ނިޒާމެކެވެ. އެކްސިޑެންޓުތައްފަދަ ކުއްލި އަވަސް ފަރުވާ ބޭނުންވާ ޙާލަތްތަކުގައި އަވަހަށް ފަރުވާ ދިނުމުގައި މިއީ ކާމިޔާބު ޒަމާނީ ނިޒާމެކެވެ.

ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެމައްޗަށް އެކުލެވިފައިވާ ޤައުމަކަށްވުމާއެކު އެމްބިއުލާންސްގެ ދަތިކަމާއި އަވަސްފަރުވާދިނުމުގައި ދިމާވާ ދަތިތައްބޮޑެވެ. ޚާއްސަކޮށް މާލެފަދަ އާބާދީބޮޑު ތޮއްޖެހުން ބޮޑު ތަނެއްގައި ހިނގާ ކުއްލި ޙާދިސާތަކުގައި އެމްބިއުލާންސް އައުން ލަސްވުމަކީ ދިމާވާކަމެކެވެ. މަގުތަކުގެ ދަތިކަމާއި ކާރޫބާރޫ ބޮޑުވުމުގެ ސަބަބުން ދިމާވާ މިފަދަ މައްސަލަތަކަށް މޮޓޯސައިކަލް ޕެރަމެޑިކްސްއަކީ ރަނގަޅު ޙައްލެއްކަމަށް ސަރުކާރުން ދެކެއެވެ.

މީގެ އިތުރުން ރައީސް ޞާލިޙުގެ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ސިއްޙީ ދާއިރާއިން ކުރައްވަން އަލަށް ކަނޑައަޅުއްވާފައިވާ މުހިންމު ބައެއް ކަންކަމަށް ބަލާއިރު، އާންމު ސިއްހަތު ކުރިއެރުވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ހެއްދުމަށް އިންސެންޓިވައިޒްކުރުން ފާހަގަކޮށްލެވެއެވެ.

ޚާއްސަކޮށް ގައިން ގަޔަށް ނާރާ ބަލިތައް މެދުވެރިވުމަށް ދިމާވާ ސަބަބުތައް ދެނެގަނެ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރ، ކިޑްނީގެ ފަރުވާ، ޑިމެންޝިއާ އަދި ތެލެސީމިއާ ފަދަ ބަލިތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަރުވާގެ ނިޒާމު ވަރުގަދަ ކުރުމަށް ކަނޑައަޅާފައިވެއެވެ.

އަދި ކުޑަކުދިންނަށްދޭ އޮޕްޝަނަލް ވެކްސިން އާސަންދައިގެ ތެރޭގައި ހިމެނިގެންދިނުމާއި، ނެޝެނަލް ބްލަޑް ބޭންކެއް ގާއިމުކޮށް، އެއް ސިއްހީ ހިދުމަތްދޭ މަރުކަޒު އަނެއް ސިއްހީ ހިދުމަތްދޭ މަރުކަޒާއި ގުޅޭހެން ކޯޑިނޭޓެޑް ނިޒާމެއްގެ ތެރެއިން ލޭ ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެ ހިދުމަތްދޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.

އަދި އިންފަރޓިލިޓީ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމުކޮށް، އިންފަރޓިލިޓީ ޓްރީޓްމަންޓްގެ ކަވަރޭޖްބޮޑުކުރާނެކަމަށާ، ރާއްޖެއިން ލިބެން ނެތް ސުޕަރ-ސްޕެޝަލިސްޓް ހިދުމަތްތައް، ރާއްޖެއިން ބޭރުން ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ހޯދައިދީ އެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދޭނެކަމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން