މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފުޅާކުރައްވައި އަމިއްލަ ފަރާތްތަކަށްވެސް ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތައް ހިންގޭނެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އެގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރެއްވުމަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ކަނޑައަޅުއްވައި ހާމަކުރައްވާފައެވެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަލުން ރަނގަޅުކުރުމަށް ދެވޭ ފަރުވާގެ ނިޒާމަށް ގެންނަވަން ކަނޑައަޅުއްވާފައިވާ ބަދަލެވެ. އެގޮތުން އެބަދަލު ތަކުގެ ތެރޭގައި ޕްރައިވެޓް-ރިހެބިލިޓޭޝަން ނިޒާމު ތައާރަފްކުރައްވަން ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ މީހުން ދުރުކުރުމަށް މުޅި ރާއްޖޭގައި ނޭޝަން ވައިޑް ޕްރިވެންޝަން ޕްރޮގްރާމް ހިންގަންވަނީ ކަނޑައަޅުއްވާފައެވެ. މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ބައްޔެއްކަމަށް ދެކެވަޑައިގެން އެ ބައްޔަށް ދެވޭ ފަރުވާއަކީ ފެންވަރު އެކަށައެޅިގެން ދެވޭ ފަރުވާއެއްކަން ޔަގީންކުރުމަށް ރެގިއުލޭޓަރީ އިދާރާއާއި ފަރުވާގެ ނިޒާމު ވަކިކުރާނެކަމަށާ، މަސްތުވާތަކެތީގެ ބައްޔަށް ފަރުވާދޭ މަރުކަޒުތަކަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ލައިސަންސް ދެވިގެން ހިންގޭ މަރުކަޒުތަކަށް ހަދާނެކަމަށްވެސް ރައީސް ޞާލިހުގެ މެނިފެސްޓޯގައި ހާމަކުރައްވާފައިވެއެވެ.

މީގެއިތުރުން ކޮމިއުނިޓީ-ބޭސްޑް ކެއަރ ތައާރަފްކޮށް، ސެލްފް-ހެލްޕް ގްރޫޕްތައް އެކުލަވާލައި، އެހީތެރިކަން ބޭނުން ކޮންމެ މީހަކަށް، އެމީހަކު ހުރި ތަނަކުން މަސްތުން ސަލާމަތްވުމަށް އެހީތެރިކަންދޭނެކަމަށާ، އަމިއްލައަށް އެދޭ ކޮންމެ ފަރާތަކަށް ފަރުވާ ޔަގީންކޮށް، ވޯކް-އިން ކްލިނިކްސް/ ޑްރޮޕް-އިން ސެންޓަރސް ތައާރަފްކުރާނެ ކަމަށްވެސް މެނިފެސްޓޯގައި ހާމަކުރައްވާފައިވެއެވެ.

މި ސިޔާސަތުގައި އެންމެ މުހިންމު އަނެއް ކަމަކީ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމެވެ. މި ޕްރޮގްރާމް ފޭސްޑް ޕްރޮގްރާމެއްގެ ބަދަލުގައި އިންޑިވިޖިއުލައިޒްޑް ޕްލޭނެއްގެ ދަށުން ފޯރުކޮށްދޭ ފަރުވާއަކަށް ބަދަލުކޮށް، ފަރުވާގެ ތެރޭގައި ތައުލީމާއި ތަމްރީނާއި، ދިރިއުޅުމުގެ ހުނަރާއި، އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހިމަނާ، ކޮމިއުނިޓީ ރީ-އިންޓަގްރޭޝަން ސަޕޯޓާއިއެކު ވަށާޖެހޭ ޕްރޮގްރާމަކަށް ހަދާނެކަމަށް މެނިފެސްޓޯގައިވަނީ ހިމަނުއްވާފައެވެ.

މަސްތަށް ދެވިހިފައިފައިވާ ފަރާތް، ފަރުވާއަށް ފަހު އަނބުރާ މުޖުތަމައުއަށް އަންނައިރު އެމީހަކީވެސް ގަދަރުވެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މީހަކަށް ވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އާއިލާއާއި ރަހްމަތްތެރިން އަދި މުޅި މުޖުތަމައުވެސް މިބަދަލަށް ތައްޔާރުކޮށްދޭނެކަމަށާ، މަސްތަށް ދެވިހިފައިފައިވާ ފަރާތްތައް އަނބުރާ މުޖުތަމައުއަށް އައުމަށް ބޭނުންވާ ހުރިހާ ހިދުމަތަކާއި ފަރުވާއެއް އަދި ދިރިއުޅުމުގެ ހުނަރާއި ތައުލީމާއި ތަމްރީނު އެއްތަނަކުން ލިބޭނެގޮތަށް ރާއްޖޭގެ 3 ސަރަހައްދެއްގައި ރިކަވަރީ ވިލެޖް ގާއިމުކުރާނެކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މެނިފެސްޓޯގައި ހާމަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން