މާޝާ މިދުހަތު   12 ޖުލައި 2020 - 15:56
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފޮޓޯ:މަޖިލިސް
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ފޮޓޯ:މަޖިލިސް
"މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން" އުނގެނުމުގައި އަމަލުކުރަންޖެހޭ ގޮތްތައް އެކުލަވާލާ ތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިރޭ މަޖިލީހުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިރޭ 20:30ގައި ބާއްވާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ބައްދަލުވުން ފެށުމުގެ ބައިގަޑިއިރު ކުރިން ވަޑައިގެންނެވުމަށް މަޖިލިސް އިދާރާއިން ވަނީ އަންގާފައެވެ. މިބައްދަވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަޖިލިސް އާއިމާރާތުގެ 4 ވަނަ ފަންގިފިލާގައެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލު ދިރާސާ ކުރާ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ޓީޗާ ލައިސަންސް މުހިއްމު ކަމަށެވެ. އަދި ކިޔަވައި ދިނުމުގެ ފެންވަރު ދެމެހެއްޓޭނީ ރަނގަޅު ފެންވަރުގެ ޓީޗަރުން ގެނެސްގެން ކަމަށް އެކަމަނާ ވިދާޅުވެފައި ވެއެވެ. އެ ފެންވަރު ދެމެހެއްޓުމަށްޓަކައި، ޓީޗަރުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހޭ ކަމަށް ވިދާޅުވިޔަސް އެ އެންމެންނަކީ އެ ފެންވަރަށް ތައުލީމު ހާސިލް ކޮށްފައި ތިބި ބައެއް ނޫން ކަމަށް އާއިޝަތު އަލީ ވިދާޅުވިއެވެ. ހާލަތު ހުރި ގޮތުން ވަގުތީ ޓީޗަރުން ބޭނުންކުރަން ޖެހޭތީ އެ ކަހަލަ ގޮތަކަށް ބިލް ފަރުމާ ކޮށްދިނުމަށް މިނިސްޓަރުވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ ޑިސެމްބަރު މަހު މަޖިލީހަށް ހުށަހެޅި ތައުލީމާ ބެހޭ ބިލުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް ޓީޗަރުން ލައިސަންސް ހޯދަންޖެހެ އެވެ. އެކަމަށް ހާއްސަކޮށްގެން "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަން ބިލުގައި ކަނޑައަޅާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން