ރައީސް ޞާލިޙް މަޑަވެލީގައި ނިމިފައިވާ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން، އެރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުތައް ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާ ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަޑަވެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މަޑަވެލީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީ، އީ.އާރު، ރިސެޕްޝަން އަދި ވެއިޓިންގ ރޫމާއި ޑްރެސިންގ އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން