ރާއްޖޭގެ އެންމެބޮޑު އެއް އަތޮޅުކަމަށްވާ ހުވަދުއަތޮޅު އޮތީ އުފާވެރި އަމާން ރާއްޖެއަށް ދިއުމަށް ދަތުރު ހަދާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެންމެފަހުން ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ފެނިވަޑައިގެންނެވި ހަރަކާތްތަކަށް އިޝާރާތް ކުރައްވައެވެ. އުފާވެރި އަމާން ރާއްޖެ، މިއީ ރައީސް ޞާލިޙު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ މައިގަނޑު ތީމެއްގެގޮތުގައި ބޭނުންކުރައްވާ ޝިޢާރެވެ.

ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސް ޞާލިޙު ވަޑައިގަތުމުން އެރަށްރަށުން އެމަނިކުފާނަށް ހޫނު ތަރުޙީބެއް އަރުވާފައިވެއެވެ. ދަތުރުފުޅަށްފަހު ރައީސް ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދޫން މި ފެންނަނީ، ޖަޒީރާރާއްޖޭގެ ތަސައްވުރު ހަގީގަތަކަށްވެފައިވާ މަންޒަރުކަމަށެވެ. ހުވަދުއަތޮޅު ދެކުނުބުރީގެ މަޑަވެލި، ހޯނޑެއްދޫ ނަޑައްލާ، އަދި ރަތަފަންދުއާ ފިޔޯރީވެސް ފެނިވަޑައިގަތީ އުފާވެރި އަމާން ރާއްޖެއަށް ދަތުރު ހަދާފަވާ މަންޒަރުކަމަށާ، އަމާޒަކީ، ފަސޭހަ ބޯހިޔާވަހިކަމާއެކު، ގަދަރުވެރި އަމާން ދިރިއުޅުމެއް ހޯދުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ރައީސް ޞާލިހު ރިޔާސީ ދެވަނަ ދައުރެއްގެ ކެމްޕެއިން ކުރައްވަމުން ވަޑައިގަންނަވާއިރު ރަށްރަށަށް ވަޑައިގެން ކުރައްވާ އެންމެ މުހިންމު އެއްކަމަކީ މިދިޔަ 5 އަހަރުދުވަހުގެތެރޭގައި ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދެވި މުހިންމު މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމެވެ. މިހިނގާ ދައުރުގައި ރަށްރަށް ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަކުރައްވައި ރެބަން ކަނޑުއްވަމުން އާ ދައުރެއް ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެ އިތުރު ކަންކަން އެމަނިކުފާނު ގެންދަވަނީ ހާމަކުރަށްވަމުންނެވެ. ރައީސް ޞާލިޙުގެ އެންމެ މުހިންމު ސިޔާސަތަކީ ކުޑަރަށެއް، ބޮޑުރަށެއް ތަފާތުކުރުމެއްނެތި މުޅި ރާއްޖެ ތަރައްޤީކުރެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން