ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް، ފޮޓޯ:ސޯޝަލް މީޑިޔާ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް، ފޮޓޯ:ސޯޝަލް މީޑިޔާ
ޚިޔާނާތުގެ މައްސަލާގައި ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވެން އޮތް ޝަރުތަކީ އެއީ ކަމަށް އެންގުމުން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާ ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބް ވިދާޅުވީ އެ އެއްބަސްވުމުގައި އޭނާ ސޮއިކުރެއްވީ ޖަލުގައި ހުއްޓާ ކުރިމަތިވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ހުއްދަ ހޯދަން ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން އެދިވަޑައިގަތީ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އޭރުގެ ފުލުހުންގެ ބައެއް އިސް އޮފިސަރުން އޭނާއާ ބައްދަލު ކުރުމަށް ފަހު ކަމަށާއި އޭނާގެ އިއުތިރާފްގެ ބަޔާނެއް ވެސް ނެގުމަށް ފަހު ބޭރަށް ފުރައިގެން ދެވުނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ އެއްބަސްވުންތަކެއް ހަދަން ޖެހުނީ ބޭސްފަރުވާއަށް ދެވެން އޮތީ އެފަދަ އެއްބަސްވުންތަކެއް އޮތުމުން ކަމަށް ޕީޖީއާ ފުލުހުންވެސް އޭރު ވިދާޅުވުމުން. އެހެން ނަމަވެސް ދެ ވަނަ އެއްބަސްވުމެއްގައި ފުރަތަމަ އެއްބަސްވުމުގައި ހުރި ކަންކަން ތަފާތުވެގެން އަންނަން ޖެހުނީ ކީއްވެކަން ސާފުނުވޭ." އަދީބް ވިދާޅުވިއެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އެ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދީ އަދީބު އެގޮތަށް ބޭނުންވާތީ ކަމަށެވެ. އަދި ފަހުން ހެދި، ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދަ ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށާއި ދައުވާތައް އުފުލީ އެ އެއްބަސްވުމުގެ ދަށުން ކަމަށް ދައުލަތުން ވަނީ މިއަދުގެ އަޑުއުހުމުގައި ބުނެފައެވެ.

ބަންދުގައި ހުރި މީހަކު ބޭސްފަރުވާއަށް ފޮނުވުމުގެ ޝަރުތަކަށް ހަދައި އެއްބަސްވުން ހެދީ ކޮން ހަމައަކުންތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަކީ ގާނޫނު އަސާސީން ޕީޖީއަށް ލާޒިމްކުރާ ކަމެއް ކަމުގައިވާއިރު އެފަދަ ޝަރުތެއް ހިމަނައިގެން އެއްބަސްވުން ހެދުމުގައި ހުރަހެއް ނެތް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލަތައް ކޯޓުން މީގެ ކުރިން ބާތިލް ކުރީ ވަކި ފުލުހުންތަކެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނޫން ކަމަށާއި އަދި މިހާރު އަދީބުގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ޕީޖީ އޮފީސް ގުޅިގެން ހިންގި ތަހްގީގުތަކަށްފަހު ކަމަށެވެ.

އަހުމަދު އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހެކި ބަސް ދެއްވަމުން ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ޝާމިލްވެފައިވާނެ ކަމަށް ވިދާޅުވެ، ކުށަށް އިއުތިރާފުވެފަ އެވެ. އަދީބުގެ މައްޗަށް ދައުވާކުރާ މި މައްސަލަތަކުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން