އައިމިނަތު ޝިމާ ނާފިޒު
އައިމިނަތު ޝިމާ ނާފިޒު
ކައްދޫއިން މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ކަމަށްބުނާ އައިމިނަތު ޝިމާ ނާފިޒު ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީ ފެނިއްޖެއެވެ.

އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ޝިމާ ހޯދުމަށް ކުރި މަސައްކަތުގައި ޝިމާގެ އިތުރުން ޑިންގީ ވެސް މިހާތަނަށް ފެނިފައެއްނުވެއެވެ.

ފޮނަދޫ ކައިރިން ބޭރުން، ފަރަކަށް ފީނަން ގޮސް އުޅުނު ބަޔަކަށް ޑިންގީއެއް ފެނިގެން ފުލުހުންނަށް ވަނީ އަންގާފައެވެ. އަދި އެއީ ޝިމާ ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީ ކަމަށް އެމީހުން ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ލ. އަތޮޅުގެ ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޝިމާ ގެއްލުނީ ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދުއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ޝިމާއާ އެކުގައި ޑިންގީގައި ދަތުރުކުރި ފަޒީލް ބުނެފައި ވެއެވެ. އޭގެ އިތުރުން، ޝިމާ ގެއްލުނު ހާދިސާއަށް ފަހު، އޭނާގެ ކޮއްކޮ ގޮވައިގެން މޫނު ނިވާކޮށް ޑިންގީއެއްގައި ފިލަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލްވެސް ހިމެނޭއިރު، އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި މި ދެ މައްސަލައިގައި ގުޅުމެއް އޮތް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުފެންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން އޭޕްރީލް މަހު ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 17 ރަށެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން 46 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، ވައިގެ މަގުން 10 މޭލުގެ ރޭޑިއަސްއެއް ކަނޑައަޅައި ބަލާފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކަނޑުގެ މަގުންވެސް 1900 އަކަ ކިލޯ މީޓަރުގެ ސަރަހއްދެއް ބަލާފައިވާއިރު، މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ފުލުހުން އަދިވެސް ތަހުގީގުކޮށް ކަށަވަރުކުރަން ބޭނުންވާ ކަންކަން ހުރި ކަމަށް ފުލުހުން ހާމަ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން