އަހުމަދު އިބްރާހިމް   13 އޯގަސްޓު 2023 - 4:20
ނ. އަތޮޅަށް ކުރީގެ ސަރުކާރުތަކުން ތަރައްޤީގެ މާބޮޑުކަމެއް ނުކޮށްދޭކަމަށް ވިދާޅުވެ ނ. އަތޮޅަކީ ހުސްނޫނެއްކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު އެއަތޮޅު މީހަކު ބުނިކަމަށާ، މިހާރު އެއަތޮޅަކީ ހުސްނޫނެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ނ.އަތޮޅަށް އެމަނިކުފާނުގެ ސަރުކާރުގައި ގެނެސްދެއްވާފައިވާ ތަރައްޤީއާއި ކުރިއެރުން މިހާރު އެއަތޮޅުން ފެންނާނެކަމަށެވެ. އޭގެ ނަތީޖާއެއްގެގޮތުން ދެވަނަ ދައުރެއްގެ ކެމްޕެއިނަށް އެމަނިކުފާނު އެއަތޮޅަށް ވަޑައިގަތުމުން ފެނިވަޑައިގަތީ ނ.އަތޮޅުން އެއް ބުރުން މި އިންތިޚާބު ކާމިޔާބު ވާނެ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ވާދަވެރި އެއްވެސް އެހެން ކެންޑިޑޭޓަކު ހަމަޖެހޭ، ރައްޔިތުންނަށް ފައިދާވާނެ ވާހަކައެއް ނުދައްކަވާކަމަށެވެ. އެގޮތުން ވާދަވެރިންގެތެރެއިން އެއްބަޔަކު ކުރާކަމަކީ ޒާތީގޮތުން ސަރުކާރާ ދިމާކޮށް ސާބިތުނުހިފޭ ވާހަކަދެއްކުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެފަދަ ބައެއް ބޭފުޅުން ދައްކަވާވާކަހަތައް ދިމާވެސް ނުވާކަމަށާ، އެއްދުވަހު އެއް ވާހަކަ ދެއްކެވިއްޔާ އަނެއްދުވަހު ދައްކަވަނީ މުޅިން އެހެން ވާހަކައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެއްވެސް އެއްގޮތެއްގައި ދެމިއެއް ނުހުރެވޭކަމަށް ވިދާޅުވަމުން ރައީސް އެފަދަ ބޭފުޅުންނަށް ވިދާޅުވީ ހުވަފެނުގައި ފެންނަ ކަންކަން ހަޤީގަތަކަށް ހަދަންޏާ ފުރަތަމަ ޖެހޭނީ ނިދިން ހޭލަންކަމުގައެވެ.

އިދިކޮޅު ބައެއް ކެންޑިޑޭޓުންނަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ދައްކަވަމުން ދަނީ މިހާރުވެސް މިސަރުކާރުން ކުރަމުންދާ ކަންކަމުގެ ވާހަކަކަމަށެވެ. އެއީ އަލުން އިތުރަށް ކުރަންޖެހޭކަމެއް ނޫންކަމަށާ، ރައްޔިތުންނަށް އެކަންކަން ސާފުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެކޯލިޝަނުން ބުނަމުން އަންނަނީ ތިމަންނަމެންގެ ސަރުކާރެއްގައި އިސްކަން ދޭނީ އާބާދީ ބޮޑެތި ރަށްރަށަށް ކަމުގައި ކަމަށެވެ. މިހާތަނަށް ރާއްޖެ ކުރިނާރައި އޮތީ އެސިޔާސަތުގެ ސަބަބުންކަމަށާ، އެމީހުންގެ ވެރިކަމުގައި ކުރިންވެސް ފެނުނީ އެމަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމާއި ބިރުވެރިކަންފެނުނު އެ ސަރުކާރު އަލުން އިއާދަވާން ރައްޔިތުން ނޭދޭކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް މުޅިރާއްޖެ ތަރައްޤީކުރުން ކަމަށެވެ.

މިސަރުކާރުން މިވޭތުވެދިޔަ 5 އަހަރުދުވަހުގެތެރޭގައި ނ.އަތޮޅުގެ ތަރައްޤީއަށް އެކަނިވެސް ޖުމުލަ 137 މަޝްރޫޢު ހިންގާފައިވެއެވެ.

މިއީ ތަފާތަކީ. އަޅުގަނޑުގެ ސަރުކާރުގައި ކުޑަރަށެއް ބޮޑުރަށެއް ތަފާތެއް ނުކުރާނެ، މިހާތަނަށް ރާއްޖެ ކުރިނާރައި އޮތީ ހަމައެކަނި ބޮޑެތި އާބާދީތަކުގެ ވާހަކަދެއްކީމާ، އެކަމުގެ ފަހަތުގައި އޮތީ އަނިޔާވެރިކަމާއި ބިރުވެރިކަން، މިހާރު އޭރު އޮތްފަދަ ބިރުވެރިކަމެއް ނޯންނާނެ. ޚިޔާލު ފާޅުކުރެވޭނެ. ނޫސްވެރިކަމުގެ މިނިވަންކަން އޮންނާނެ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން