ޤައުމުގެ ތަރައްޤީއަށް އެންމެން އެކައްޗެއް ކިޔަންޖެހޭކަމަށާ، އިދިކޮޅު ކެންޑިޑޭޓުން އަރާ ކޮންމެރަށަކުން ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާ މަންޒަރާއި މިސަރުކާރުގެ ތަރައްޤީއަށް ބޭނުންވެފައިވާ މިންވަރު ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތުން ގޮތް ނިންމީމާ އެގޮތަށް ރުހި ކުރިއަށް ދިއުމަކީ ޑިމޮކްރަސީގެ ރީތި އުސޫލުކަމަށެވެ. މިހާރު މުޅި ރާއްޖެއިން ފެންނަ މަންޒަރަކީ މިސަރުކާރަށް ރައްޔިތުން ރުހޭ މަންޒަރުކަމަށާ، އެހެންކަމުން އެކަމަށް އިދިކޮޅު ފަރާތްތަކުން އިޙްތިރާމްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްޤީއާއި މިހާތަނަށް ނުލިބިހުރި އަސާސީ ކަންކަން ފުރިހަމަވުންކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން މިސަރުކާރުން މިދަނީ ކުރަމުންކަމަށާ، ދެންހުރީ ފަށާފައިހުރި ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީގޮތުން އެމަނިކުފާނު ޙާސިލްކުރަންޖެހޭ އިތުރުކަމެއް ނެތްކަމަށާ، ހަމައެކަނި އޮތް މަޤުސަދަކީ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމާއި ފަށާފައިހުރި ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަށް ސިޔާސީގޮތުން ދެވޭނެ އިތުރު އުސް ހަރުފަތެއް ނެތްކަމަށާ، ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން އިތުރު މަޤުސަދެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން