ރައީސް ޞާލިޙުގެ ހަމައެކަނި އަމާޒަކީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ތަރައްޤީ ގެނެސްދެއްވުންކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަންސިޔާމް) ވިދާޅުވެއްޖެއެވެ.

އެމްޑީއޭއަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ތާޢީދުކޮށް އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. މި ކޯލިޝަންގައި ދެން ހިމެނެނީ ޢަދާލަތު ޕާޓީއެވެ.

ރައީސް ޞާލިޙު ނ.އަތޮޅު މަނަދޫގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައީސް ޞާލިޙަށް ފާޑުކިއުުމުގެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ދަރަނީގެ ވާހަކަ ދައްކާކަމަށާ، އެހެންނަމަވެސް ލޯނަކީ ދަރަންޏެއް ނޫންކަމަށާ، އެއީ އަރަންޏެއްކަމަށް ސިޔާމް ވިދާޅުވިއެވެ. ލޯނުދެނީ ކާކަންތޯއާއި ލޯނުދޭނީ ކޮންބަޔަކަށްތޯ ވިސްނާލުމަށާ، މީގެކުރީގެ ސަރުކާރުތަކަށް ބޭރުގެ މާލީ އިދާރާތަކާއި ޤައުމުތަކުން ލޯނު ނުދިނީ ކީއްވެގެންތޯ ވިސްނާލުމަށް ސިޔާމްވަނީ ރައްޔިތުންނަށް އިލްތިމާސްކުރަށްވާފައެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި މާލީ އިދާރާތަކުން ލޯނުދިނުމުގައި ބަލާ ކަންތައްތަކެއް ނުވަތަ ޝަރުޠުތަކެއް ހުންނަކަމަށެވެ. އެގޮތުން ޤައުމަކަސް ލޯނުދޭއިރު އެޤައުމުގެ ވެރިޔަކަށް ހުރީ ކޮންކަހަލަ ކާކުތޯ ބަލާކަމަށާ، ކުންފުންޏަކަށް ލޯނުދޭއިރު އެކުންފުނީގެ ވެރިޔަކަށް ހުރީ ކާކުތޯ ބަލާނެކަމަށެވެ. އަދި ލޯނަކީ އެވެރިޔަކަށް އިތުބާރުކޮށްފައި ދޭ އެއްޗެއްކަމަށާ، މިއީ ރައްޔިތުން ބަލަންޖެހޭކަމެއްކަމަށް ސިޔާމް ވިދާޅުވިއެވެ. އެނޫންގޮތަކަށް ލޯނު ނުލިބޭނެކަމަށާ، މިއަދު ރައީސް ޞާލިޙު ބޭނުންވާ ދުނިޔޭގެ ކޮންމެ ބޭންކަމުން ލޯނު ދޭކަމަށް ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޞާލިޙުގެ މިސަރުކާރުން ލޯނު ނަގާފައިވަނީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށްކަމަށެވެ. އަދި ލޯނު ނަގައިގެން ޤައުމުގެ އިޤްތިޞާދު ހަމަޔަކަށް އެޅުއްވުމުގައި ރައީސް ޞާލިޙުގެ ޤާބިލްކަން ކޯވިޑް-19ގެ ޙާލަތުގައި ވަނީ ސާބިތުވެފައިކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މިއީ މުޅި ދުނިޔެ ޤަބޫލުކުރާ ހަޤީޤަތެއްކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން