ނ. އަތޮޅު ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް އެތަނުގެ ބިންގާ އަޅައިފިއެވެ.

ޖުމުލަ 193 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ނ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެން މިމަޝްރޫޢު ފެށްޓެވިއިރު ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއަކާއި ތާޢީދެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ކެނދިކުޅުދޫ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވުމުގައި މަޝްހޫރު ދިވެހި ޙަކީމީ ބޭސްވެރިޔާ ތޮޅެންދޫ ހަސަން ޤާސިމް ބައިވެރިވެވަޑައިގަތެވެ. އަދި ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމުވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ކެނދިކުޅުދޫ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލަކާއި އެކަމަޑޭޝަން ބިލްޑިންގއާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގއެއް އިމާރާތްކުރާނެއެވެ. މިއީ ޖުމްލަ 193 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖޭގެ ރަށްރަށުގެ ސިއްޙީ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން