ސަރުކާރުގެ އެތެރެއިން ބޭރުން ކުރިމަތިވި އެތައް ދަތިތަކާއި ފިއްތުންތަކާއެކުވެސް 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންނަށް ހުށަހެޅުއްވި މެނިފެސްޓޯ ފުރިހަމަކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރޭ ނ. މަނަދޫގައި ބޭއްވި ރައީސް ޞާލިޙުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢަލީ ނިޔާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް މެނިފެސްޓޯ އާއެކު މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ސިޔާސަތުތައް އެކުލަވާލާ ބައެއްކަމަށާ، ކަންކަން ރައްޔިތުން އެދޭގޮތަށް ފުރިހަމަކުރެވެނީ އެހެންވެގެންކަމަށް އޭނާ ވިދާޅުވިއެވެ. ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރާ މިމަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށާ، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯ ފުރިހަމަވެފައިވާކަމަށް ނިޔާ ވިދާޅުވިއެވެ.

މިދައުރަކީ މާ ފަސޭހަކަމާއިއެކު ކަންކަން ކުރަން މަގުފަހިވި ދައުރެއް ނޫންކަން ހާމަކުރައްވަމުން އަލީ ނިޔާ ވިދާޅުވީ، ކޮވިޑް-19ގެ ޚާއްސަ ޙާލަތުގައި މުޅި ރާއްޖެއަށް ކުރިމަތިވި ދަތި އުނދަގޫ ޙާލަތު އިދިކޮޅު ފަރާތްތަކުން ހަނދާންނައްތާލާފައިވާ ކަމަށެވެ. އެއީ އެމްޑީޕީގެ 2018ވަނަ އަހަރުގެ މެނިފެސްޓޯ އެކުލަވާލިއިރު އެއްގޮތަކަށްވެސް އަންދާޒާވެސް ކުރެވުނުކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ކާރިޘާއަކުން އަރައިގަތުމަކީ ދުރާލައި މެނިފެސްޓޯގައި ހިމެނި ރޭވިފައި އޮތްކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ކުއްލިއަކަށް ދިމާވި އެފަދަބޮޑު ނުރައްކާތެރި ހިތާމަވެރި ޙާލަތުން ރާއްޖެއަށް އަރައިގަނެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމުގެ ސަބަބުންކަމަށް އަލީ ނިޔާ ވިދާޅުވިއެވެ.

ކޮވިޑްގެ ޙާލަތާ ގުޅިގެން، ކަނޑައެޅިފައިވާ ޕްލޭންތަކާ އެއްގޮތަށް ހިގަމުންދިޔަ 2018ގެ މެނިފެސްޓޯ ތަންފީޒްކުރުމުގެ ކަންކަން ރައީސް ޞާލިޙު އަލުން ބައްލަވައި ރިވައިޒްކުރެއްވިކަމަށާ، ކުރިމަތިވި ދަތިތައް ޙައްލުކުރެއްވިކަމަށްވެސް ނިޔާ ވިދާޅުވިއެވެ. މިހުރިހާކަމެއް ކުރައްވައި މެނިފެސްޓޯ ގާތްގަނޑަކަށް ފުރިހަމަކޮށް ނިންމަވާލެއްވީ އެތައް ދަތިތަކާއި އުނދަގޫތަކެއްގެތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން