ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދެވަނަ ދައުރުގައި މާލެއަތޮޅު ތިލަފުށީފައި ރޭސިންގ ޓްރެކްތައް ގާއިމުކުރައްވައި ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ފެންވަރުގެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފްކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ ޒުވާނުންގެ ޗެޕްޓަރ "އާ ޒުވާނުންގެ ޖީލު" ބައިގައި ޒުވާނުންނަށް މުހިންމު ވަޢުދުތަކެއް ވަނީ ވެވަޑައިގެންފައެވެ.

އެގޮތުން އަންނަ ދައުރުގައި ކުރައްވަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޕްރައިމެރީ ހެލްތުކެއަރ މޮޑެލްއިން ޕްރިވެންޝަންއަށް ހާއްސަ މަސައްކަތްތަކެއް ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި މެންޓަލް ހެލްތަށް ހާއްސަކޮށްގެން، އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ފިޓްނަސް ދާއިރާ ރެގިއުލޭޓްކުރެއްވުމާއި ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާއެކު ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމުކުރެއްވުމަކީވެސް ރައީސް ޞާލިޙުގެ އަންނަ ދައުރުގެ ވަޢުދެކެވެ.

މީގެއިތުރުން ސިޓީތަކުގައި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމުކުރެއްވުމާއި ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެމަރޖިންގް އީ-ސްޕޯރޓްސް، މާޝަލް އާޓްސް، ކައިޓް ސަރފިންގް، ރޭސިންގް، އަރބަން ސްކޭޓިންގް، ޕާކޯރ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރައްވާނެކަމަށްވެސް ރައީސް ޞާލިޙުވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވިދާޅުވެފައެވެ.

އަދި މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންދަވާނެކަމަށާ، ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅިވަރުގެ ތަމްރީނު ފުރުސަތު ހޯދައިދީ، ކުޅިވަރުން ކާމިޔާބީ ކަށަވަރުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ އަންނަ ދައުރުގެ ޒުވާނުންގެ ސިޔާސަތުތަކަށް ބަލާއިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ރިވެތި އަހުލާގާއެކު މަތީ ތައުލީމާއި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކަށް ހެދުން ހިމެނެއެވެ. އަދި ޒުވާނުންގެ އިލްމާއި ހުނަރާއި ފަންނުވެރިކަމުން އާމްދަނީ ހޯދޭނެ މަގުފަހިވެ، އުފެއްދުންތެރި ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމަށް ޒުވާނުންނަށް ބާރުއެޅުންވެސް ހިމެނެއެވެ.

އަދި ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ދިރިއުޅުމަކަށްޓަކައި ތިމާގެ ވަށައިގެންވާ މާހައުލުގެ ދިރުމަށާއި، އަމިއްލަ ނަފްސުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ކަށަވަރުކުރާނެ މަގުގައި، ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއިއެކު، ޒުވާނުން ތަމްސީލުވާ މުޖުތަމައުއެއްގައި ބިނާކުރަނިވި ދައުރެއް އަދާކުރާ މީހަކަށް ކޮންމެ ޒުވާނަކުވެސްވާނެކަމަށް މިސިޔާސަތުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން