ނ. މާފަރު އެއަރޕޯޓުގައި ތަރައްޤީ ކުރަނީ ރާއްޖޭގެ އެއަރޕޯޓެއްގައި އޮންނާނެ އެންމެ ދިގު ރަންވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި ނ. މާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ ޔޫއޭއީގެ ޝާހީ އާއިލާއާ ގުޅިފައިވާ ބައެއް ކަމަށާއި އެ މަސައްކަތް ނިމޭއިރު އެރަށް އިގްތިޞާދީ ހަބަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މާފަރު އެއާޕޯޓު ވެގެންދާނީ ރާއްޖޭގައި އެންމެ ދިގު ރަންވޭ އޮތް އެއަރޕޯޓަށް ކަމަށާއި، އެތަނަށް އިންވެސްޓް ކޮށްފައިވާ މީހުންގެ ތަސައްވަރެއް އެބައޮތް ކަމަށެވެ. އެގޮތުން އެއާޕޯޓު ބޮޑުކުރަން ހުށަހެޅި ހުށަހެޅުންތަކާ އެކު، އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޔޫއޭއީގެ އަބޫދާބީގެ ރޯޔަލް ފެމިލީއާ ގުޅިފައި އޮތް މަސައްކަތެއް އެއީ. ފުރިހަމަ ޔަގީންކަން އެބައޮތް އެކަން އެ ބޭފުޅުން ކުރައްވާނެކަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ނިމުމުން ސީދާ ޔޫރަޕުން ރާއްޖެއަށް ފްލައިޓު އަންނާނެ ކަމަށާއި، އެއާލައިނެއްގެ ވާހަކަ ވެސް ޔޫއޭއީގެ ފަރާތްތަކާއެކު ވަނީ ދެކެވިފައި ކަމަށެވެ. ހަމައެއާއެކު އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ހިދުމަތް މާފަރުން އެހެން ރަށްރަށަށް ފެށުމުގެ މަޝްވަރާތައްވެސް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިސަރަޙައްދުގެ ޓޫރިޒަމް އިތުރަށް ފުޅާކުރާނެ؛ އެ ކަމަށް ބޭނުންވާ ބައެއް ރަށްތައް އެ ކުންފުންޏަށް މިހާރު ވަނީ ދީފައި." ރައީސް މިއަދު ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓް ތަރައްޤީ ކުރުމަށް އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.5 ކިލޯމީޓަރަށް އިތުރު ކުރުމާއި، ރަންވޭ ރީސާފޭސް ކުރުމުގެ އިތުރުން އެއާޕޯޓްގެ ދިގުމިން 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާފަރުގެ އާބާދީގައި 1،257 މީހުން ދިރިއުޅެއެެވެ. އެރަށުގައި އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ، ހިދުމަތް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި 60 މިލިއަން ޑޮލަރު ހޭދަކޮށްގެން މާފަރު އެއަރޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން