މިހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކުކަމަށާ، އެމަނިކުފާނާއެކު ހުންނަވަނީ އެއީ ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވއިދެއްވަން މަސައްކަތްކުރައްވާ ވެރިޔަކަށްވާތީކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމްގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްވެސް އުޅުއްވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިގެންނެވެ. އަދި ވަކި ޕާޓީއެއް އުފައްދަވައިގެން ނާޒިމް ސިޔާސީ މަސައްކަތް ކުރައްވާތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް ކޮށްކޯފުޅު އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯގެ ގޮތުގައި މިސަރުކާރުގައި ހުންނެވުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ހަޤީޤަތުގައިވެސް ނާޒިމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުކުރައްވާތީތޯ ނުވަތަ އެމްޓީސީސީގެ ސީއީއޯގެ މަޤާމުގައި ހުންނެވުމުގެ ބޭނުންފުޅުގައި ހުންނެވީތޯ ސުވާލު އުފައްދައެވެ.

ރާއްޖެ ޓީވީގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވަނީ މިސުވާލުތަކަށް ޖަވާބުދެއްވައި އޭނާ ހުންނެވީ ރައީސް ޞާލިޙާއެކުކަމަށާ، ރައީސް ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން ބޭނުންފުޅުކަން ހާމަކުރައްވާފައެވެ. އާޒިމް ވިދާޅުވީ ރައީސް ޞާހިޅަކީ ދިވެހިންނަށް އުފާވެރި ދުވަހެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއްކަމަށާ، މިވާހަކަ ހަޤީޤަތުގައި ބުނަންވެސް ނުޖެހޭ މިންވަރަށް ދިވެހިރައްޔިތުންނަށް ސާފުކަމަށެވެ. ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނާނީ މިހަޤީޤަތްކަމަށާ، މުޅި ރާއްޖެ ތަރައްޤީކުރައްވައި ރައްޔިތުންނަށް ބޭނުންވާ އެންމެހައި ކަންކަން މިހާވަރަށް ފުރިހަމަކޮށްދެއްވި ވެރިޔަކު އަދި ނާންނަކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އެމްޓީސީސީއަކީ އަބަދުވެސް ދެމި އޮތް ކުންފުނިކަމަށާ، ކުރިން 20 ޕްރޮޖެކްޓު އެއްފަހަރާ ހިންގި އެމްޓީސީސީ، މި ދައުރުގައި އެ ކެޕޭސިޓީ ބޮޑުތަނުން އިތުރުކޮށް އެއްފަހަރާ އެތައް ސަތޭކަ މަޝްރޫޢެއް ހިންގަމުން އައުމަކީ މިކަން ސާފުކޮށް ފެންނަ އެއް ހެކިކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިދައުރުގެ ތެރޭގައި އެކަނިވެސް 54 ބަނދަރަށްވުރެ ގިނަ ބަނދަރު ނިންމާފައިވާނެކަމަށެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ދައުރެއްގެތެރޭގައި މަސައްކަތްކުރެވުނު މިންވަރެއް ނޫންކަމަށާ، ކުރިން އެންމެ ގިނަވެގެންވެސް ދައުރެއްގެ ތެރޭގައި އެމްޓީސީސީއަށް ނިންމިފައި ހުންނާނީ ވިއްސަކަށް ބަނދަރުކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރުވެސް އެމްޓީސީސީން އިތުރު 55 ބަނދަރަށްވުރެ ގިނަ ބަނދަރުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށާ، މި ބަނދަރުތަކާއެކު އެއާ ގުޅިފައިވާ ބައެއް އެހެން މަސައްކަތްތަކާއި ރައްޔިތުން އެދޭ ބައެއްް ކަންކަންވެސް ރަށްރަށުގައި އެމްޓީސީސީން ކުރިއަށް ގެންދާނެކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް އުފާފާގަތިކަމާއި ހިތްހަމަޖެހުން ގެނެސްދެއްވަން މިހާބޮޑަށް މަސައްކަތްކުރެއްވި އެހެން އެއްވެސް ސަރުކާރެއް ނާންނަކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން