ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށް މިއަދު މެންދުރުކުރީގައި އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އައިޖީއެމްއެޗްގައި އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި، މިއަދު ފެށިގެން މިދާ އޮންކޮލޮޖީ ވޯޑުގެ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް މިސަރުކާރުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ދާކަމަށެވެ.

އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ޚިދުމަތްތައް އެހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހުޅުއްވައި ދެއްވި، އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ، 8 އެނދުގެ ވޯޑެކެވެ. މިވޯޑުގައި ބަލި މީހުންނަށް ޚާއްޞަ 2 ފާޚާނާ އާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީީހެއް ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން