ޗައިނާ ސަފީރާއި ރައީސް ނަޝިދު ބައްދަލު ކުރައްވަނީ
ޗައިނާ ސަފީރާއި ރައީސް ނަޝިދު ބައްދަލު ކުރައްވަނީ
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ރާއްޖެއިން 12 ފަޅުރަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއާއި ބެހޭ ގޮތުން ދައްކަވާ މި ވާހަކަ ތަކުރާރު ކުރެއްވުމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ރައީސް ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕާކިސްތާނުގައި ނެރޭ އެރެބް ނިއުސް ގައި ސީމާ ސެންގުޕްތާ ލިޔެފައިވާ ކޮލަމަމެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި މިހާރުގެ ސަރުކާރާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމަށް ރައްދު ދެއްވުމުގެ ގޮތުން "އެމްޑީޕީގެ ރައީސްގެ ފަރާތުން ނެރޭ ހުޅުވާލެވިފައިވާ ސިޓީ" ގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމިން ވަނީ ރާއްޖޭގެ 12 ފަޅުރަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވިއްކާލައި ރާއްޖޭގެ އިސްތިގުލާލު ވެސް ޗައިނާއަށް ވިއްކާލާފައި ކަމަށެވެ. ޗައިނާގެ ވެރިކަން ކުރާ ޕާޓީއަށް ރާއްޖެއިން 12 ރަށް "އެވޯޑްކޮށް" ބޮޑު ދަރަންޏަކާއި މަތިކޮށްފައިވާއިރު އެދަރަނި ނުދެއްކި އޭގެ ބުރަ މިސަރުކާރަށް އުފުލަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި މިއީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަން ކަމަށާއި އިންޑިއާ ކަނޑުގެ މިނިވަންކަމަށްވެސް ހުރި ނުރައްކަލެއްކަމުގައި ރައީސް ނަޝީދު ސިފަކުރައްވާފައި ވެއެވެ.

ރައީސް ނަޝީދުގެ މިވާހަކަ ތަކަށް ރަށްދު ދެއްވައި ކުރެއްވި ޓްވީޓް ތަކެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ލިއޮންގ ވިދާޅުވީ ރައީސް ނަޝީދު ޗައިނާއާއި ބެހޭގޮތުން ދައްކަވާފައިވާ މި ވާހަކަ ތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަ ތަކެއް ކަމަށެވެ. އަދި މިއީ ސަރުކާރު ހިންގާ ޕާޓީގެ އެންމެ މަތީ ވެރިއަކު އެންމެ އާދައިގެ މައުލޫމާތެއް އޮޅުން ފިލުއްވުމަށް ވަގުތުކޮޅެއް ހޭދަކޮށްވެސް ނުލައްވާ ހާމަ ކުރައްވާފައިވާ ސައްހަ ނޫން މައުލޫމާތެއް ކަމުގައި ސަފީރު ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ހިތާމަހުރިކަމެއް. ސަރުކާރު ހިންގާ ޕާޓީގެ އެންމެ އިސް ވެރިއަކު އެންމެ އާދައިގެ ހިސާބެއް ހޯއްދަވައި ލެއްވުމަށް ވަގުތުކޮޅެއް ހޭދަ ކޮށްލާފައި ނުވާކަމުގެ ހެއްކެއް." ސަފީރު ވިދާޅުވެފައި ވެއެވެ.

ސަފީރުވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެކި ފަރާތްތަކަށް ރާއްޖެއިން 12 ރަށް ވިއްކާލާފައިވާ ކަމަށް ރައީސް ނަޝީދު ދައްކަވާ ވާހަކައަކީ ދޮގު މައުލޫމާތެއްކަން ހާމަކުރައްވަމުން އެކަން އަލުން ޗެކް ކޮށްލެއްވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

ސަފީރު އިތުރަށް ވިދާޅުވީ ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަކީ ހަމަހަމަކަމާއި އިހުތިރާމާއި އިސްތިގުލާލާއި ދެފަރާތަށްވެސް ފައިދާ ހުރި ކަންކަމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައެވެ. އަދި ޒިންމާދާރު، ޒިންމާއަދާ ކުރާ ދުނިޔޭގެ ގައުމެއްގެ ގޮތުން ޗައިނާއިން ރާއްޖެއަށް އެހީތެރިވެދީ ރާއްޖެ ދައްކަން ޖެހޭ ދަރަނި ވެސް "ޖީ ޓުވެންޓީ"ގެ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން، ދެއްކުން ފަސްކޮށްދީފައިވާ ކަމުގައި ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ރާއްޖެއަށް ބޭނުންވާ އިތުރު އެހީތައް ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމުގައި ވެސް ޗައިނާ ސަފީރު ވިދާޅުވެފައި ވެއެވެ.

"މީގެއިތުރުން ޗައިނާއިން ރާއްޖެއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން މިހާރު މިދަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތް ތަކާއި ފަތުރުވެރިކަން އަލުން ފަށައިގަތުމާއި މުހިންމު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތް ތަކުގައި އެހީތެރިވެދިނުމަށް." ޗައިނާ ސަފީރު ވިދާޅުވެފައި ވެއެވެ.

ސަފީރު ވިދާޅުވީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ރާއްޖޭގެ ގިނަ ބަޔަކު މަރުހަބާ ކިޔާ ކަމަށާއި އަދި އެގުޅުން އިތުރަށް ވަރުގަދަ ކުރުމަށްވެސް އެދޭ ކަމަށެވެ.

ރައީސް ނަޝީދުގެ ހުޅުވާލެވިފައިވާ މި ސިޓީގައި އަރަބް ނިއުސްގައި "އޮޕީނިއަން" އެއް ގޮތަށް ސެންގުޕްތާ ލިޔެފައިވާ މިލިއުމުގައި ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ގެނަސްދީފައިވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގައި ކަންކަން އޮތީ އޭނާގެ އެ ލިޔުމުގައި ފާޅު ކުރައްވާފައިވާ ޚިލާއި އެއް ގޮތަށް ނޫންކަން ހާމަކުރައްވައި ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ވާހަކަތަކާއި އެ ލިޔުމަށް މައުލޫމާތު ހޯދާފައިވާ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫނާއި ރައީސް ނަޝީދުގެ ނާއިބް ރައީސް އަދި ފަހުން ރައީސްކަން ކުރެއްވި ޑރ. މުހަންމަދު ވަހީދު ހަސަންގެ ވާހަކަ ތަކަށް ވެސް ރައްދު ދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން