ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ޑްރަގް ޓްރެފިކިންގއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަރވެއިލަންސް އާލާތްތައް ތައާރަފްކުރައްވާނެކަމަށް ވެރިކަންކުރާ ޕާޓީގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގައި ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގެ 3 ސިޔާސަތެއް މިހާރުވަނީ އިފްތިތާޙުކުރައްވާފައެވެ. "އުފާވެރި އަމާން ރާއްޖެ" މިނަމުގައި ނެރެފައިވާ މެނިފެސްޓޯގެ ސިޔާސަތުތައް އިފްތިތާޙުކުރައްވަނީ ވަކިވަކިންނެވެ. އެގޮތުން މިހާތަނަށް އިފްތިތާޙުކުރައްވާފައިވާ 3 ސިޔާސަތަކީ "އުފާވެރި ދިރިއުޅުން" "އާޒުވާނުންގެ ޖީލު" "އަމާން މުޖުތަމަޢު" މިއެވެ.

އެންމެފަހުން އިފްތިތާޙުކުރެއްވި އަމާން މުޖުތަމަޢުގެ ދަށުން އަންނަ ރިޔާސީ ދައުރުގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބަޔަކީ ކުށުގެ ވެއްޓަށް ފާރަވެރިވުމުގެ ބައެވެ. އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް އަންނަ ދައުރަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ކުށުގެ ވެށިން ދުރުކުރުވުމާއި ، ކުށުގެ ވެއްޓަށް ފާރަވެރިވުމާއި ކުށަށް ޒިންމާނެގުމާއެކު ފަރުވާދިނުން ހިމެނެއެވެ.

މީގެތެރެއިން ކުށަށް ފާރަވެރިވުމުގެ ގޮތުން އިތުބާރުހުރި ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ފުޅާކުރުން ހިމެނެއެވެ. އަންނަ ދައުރުގައި ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރައްވާނެކެކަމަށް މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ. އަދި ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށް، ވަށައިގެންވާ މާހައުލަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހަދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަރވައިލަންސް ނިޒާމު ގާއިމުކުރުމާއި، ޑްރަގް ޓްރެފިކިންގއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަރވެއިލަންސް އާލާތްތައް ތައާރަފްކުރުމާއި، އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުންވެސް މިބައިގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ސައިބަރ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބަރ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރުމާއި ގޭންގުތައް ހަރަކާތްތެރިވާގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ އިތުރުން، ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެކަމަށް ރައިސް ޞާލިޙުގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން