241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ:މަޖިލިސް
241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ:މަޖިލިސް
241 ކޮމިޓީގެ ބާރުތައް ހަނިކޮށް، ފުލުހުންގެ ތަހުޤީޤަށް ހުރަސް ނޭޅޭގޮތަށް ކޮމިޓީގެ މަސައްކަތްތައް ގެންދިއުމަށް އިިދިކޮޅު ކޯލިޝަނުން ފުލުހުންގެ ބިލަށް އިސްލާހު ހުށަހަޅައިފިއެވެ.

ފުލުހުންގެ ބިލަށް އިސްލާހު ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ފުރުސަތުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކުގައި އެންމެބޮޑު އިސްކަމެއް ދީފައިވަނީ މިހާރު ބިލް އޮތްގޮތުން މަޖިލީހުގެ ޤައުމީ ސަލމާތާއި ބެހޭ ކޮމިޓީއަށް ނެގުމަށް މަސައްކަތްކުރާ ބާރުތައް ހަނިކުރުމަށެވެ. ފުލުހުން ހިންގާ ތަހުޤީގުތަކާއި، ފުލުހުންގެ މަސައްކަތުގެ ތެރެއަށް މަޖިލީހަށް ނުވަދެވޭނެހެން މިނިވަންކަމާއިއެކު ފުލުހުންގެ ތަހުގީގުތަކާއި މަސައްކަތްތައް ކުރިއަށް ގެންދެވޭނެގޮތަކަށް އިދިކޮޅުންވަނީ އިސްލާހު ހުށަހަޅާފައެވެ.

ބިލުގައި ފުލުހުންގެ ހިދުމަތް ހިނގާނުހިނގާ ގޮތް ބެލުމަށްޓަކައި، 241 ކޮމިޓީއަށް، ފުލުހުންގެ ހިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްއާއި ސުވާލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި ކޮމިޓީގެ އެންގުންތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރަން ލަފާދެވިދާނެ ކަމަށް ބުނާ މާއްދާ އުނިކުރަން އިދިކޮޅުން ވަނީ ހުށަހަޅައިފައެވެ.

ބިލަށް ހުށަހަޅާފައިވާ އިސްކާހުތަކުގެ ތެރޭގައި ޕޮލިސިން ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި މިނިސްޓަރު ކަނޑައަޅާ މެމްބަރެއްގެ އިތުރުން 241 ކޮމެޓީން އައްޔަންކުރާ މެމްބަރަކު އިންނަ ގޮތަށް ބިލުގައި އޮތްއޮތުން ބަދަލުކޮށް، ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްއެންޑީއެފްގެ އިތުރުން، އެލްޖީއޭގެ ފަރާތުން ކަނޑައަޅާ މެމްބަރުން ބޯޑުގައި ހިމެނުމަށް ވެސް އިދިކޮޅުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ކޮމިޓީއަށް މަޢުލޫމާތު ހިއްސާކުރެވޭނީ ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގެ ތެރެއިން ހިނގަމުންދާ ތަޙްޤީޤަކަށް ނުވަތަ އޮޕަރޭޝަނަކަށް ހުރަސްނޭޅޭނެގޮތަށް އެމަޢުލޫމާތު ކޮމިޓީން އެދިއްްޖެ ޙާލަތެއްގައިކަމަށާ، ފުލުހުން ގެންގުޅޭ އާލާތްތަކާއި ހަތިޔާރުގެ މަޢުލޫމާތުވެސް ކޮމިޓިން އެދިއްޖެ ހިނދެއްގައި ހިއްސާކުރަންޖެހޭނެކަމަށް އިޞްލަޙުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާއިރު ކޮމިޓީގެ އަމާޒުހުރީ މިމަހުގެ 15 ވަނަ ދުވަހަށް ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ބިލް ހުށަހަހެޅުމެވެ. ބިލާއިމެދު ގިނަބައެއްގެ ކަންބޮޑުވުން އޮތްއިރު، މަޖިލީހަށް ފުލުހުންގެ ބާރުތަކެއް ނަގައި ފުލުހުންގެ ތަހުގީގުތަކުގެ ތެރެއަށް މަޖިލީހުން ވަދެވޭ ގޮތަށް ބިލު އިސްލާހު ކުރަން އުޅޭކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން