އަހުމަދު އިބްރާހިމް   22 އޯގަސްޓު 2023 - 11:31
ބ. ތުޅާދޫގައި ހަދަން ސަރުކާރުން ނިންމާފައިވާ އެއަރޕޯޓް ހެދުމަށްޓަކަައި އެރަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި ބ. އަތޮޅު ތުޅާދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ހަފްތާގައި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ތުޅާދޫގައި ކުރިއަށް ގެންދަވަން ސަރުކާރުން ނިންމަވާފައިވާ ތަރައްޤީގެ މަޝްރޫޢުގެތަކުގެ މަސައްކަތްވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ތުޅާދޫ އެއަރޕޯޓު ހެދުމަށްޓަކައި 44 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ތުޅާދޫގައި މިހާރު ކުރިއަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އަންނަ ދައުރުގެ ތެރޭގައި އިތުރު 100 ހައުސިން ޔުނިޓް އެރަށުގައި ޢިމާރާތްކޮށް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކުރައްވަން ކުރިއަށްގެންދަވާ މަސައްކަތައްވެސް ނިމި ފުރިހަމަވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތުޅާދޫގައި ހަދާ ހޮސްޕިޓަލްގެ މަސައްކަތް މިހާރުވެސް ބާރަށްކުރިއަށް ދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ތުޅާދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މިހާރުވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 އަކަށް މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރަޢްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން