ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހާއި، ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު، ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު މެންދުރު ކުރީގައި ވަނީ، ބ. މާޅޮހަށާއި ދޮންފަނަށް ވަޑައިގެން މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އާއި، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުންފާހަގަކޮށްދެއްވި ބ. މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އާ ޙަވާލުކޮށްގެންނެވެ.

އޭގެއިތުރުން ބ. ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ. ދޮންފަނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 536 މީޓަރުގެ ރިވެޓްމެންޓްވަނީ ޖަހާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުފުންކޮށް އެއްގަމުތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާ ބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ވަނީ ހަދާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 650 ކިލޯވޮޓްއެވެ. ދޮންފަނު އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން