ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ދިވެހިރާއްޖެއާ އިންޑިއާގެ ޒަމާންވީ ގުޅުމުން އެނގެންއޮތް އެންމެ މުހިންމު ހަޤީޤަތަކީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމުގައި އިންޑިއާއާ ރާއްޖޭގެ ގުޅުމުގެ މުހިންމުކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އައުޓްޑޯ ޖިމް ސާމާނުތަކެއް ރާއްޖެއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވަނީ އިންޑިއާއަކީ އަބަދުވެސް އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިވެދޭ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ގުޅުން އަންނަން އޮތް ޖީލުތަކަށް ދެމިގެން ދިއުމަކީ ރާއްޖެއަށް އޭގެ ފައިދާއާއި ލާބަ ލިބިގެންދާނެ މުހިންމުކަމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިންޑިއާއާ ދިވެހިން ވަނީ އެތައް ގޮތަކުން ގުޅި ލާމެހިފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދުވަނީ މިގުޅުމަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ސަޤާފަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ކަނީ ބަތާއި ރިހައާ، ތަންދޫރީއާ ބިރިޔާނީ. ބަލަނީ ކަސައުޓީއާ ސަތަރޭއާ ދަރޭއާ، އަމީތާބާއި، ރޭކާއާ. އަޅުގަނޑުމެންގެ ވަރަށް ގާތް ފިލްމީ ތަރިން. އަޅުގަނޑުމެންގެ މުޅިހަޔާތް އުޖާލާކޮށްދޭ އަދި ހަޤީގަތުގައި އަޅުގަނޑުމެންގެ މުޅި އާއްމު ދިރިއުޅުން ފުރިހަމަކޮށްދޭ ކިތަންމެ މަންޒަރަކީ އަޅުގަނޑުމެންނާ އިންޑިއާގެ ރައްޔިތުންނާ އެކުވެފައި އޮންނަ ވަރަށް ވަރުގަދަ ސަޤާފަތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި ދިވެހިން ހޯދާފައިވާ މަޤާމަކީ މުޅި ދުނިޔެއިން ބަލައިގަންނަންޖެހޭފަދަ މަޤާމެއްކަމަށާއި މަސްވެރިކަމާއި ދަތުރުފަތުރު ކުރުމުގައި 25000 ދިވެހިން އަބަދުވެސް އިންޑިއާ ކަނޑުގައި އުޅޭއިރު ދިވެހިންނަށްވުރެ ބޮޑަށް އިންޑިއާ ކަންޑުގައި ފެތުރިފައިވާ އަދި އިންޑިއާ ކަނޑު ބޭނުންކޮށްގެން ދިރިއުޅުން އާރާސްތުކޮށް ޤައުމެއް ބިނާކުރި ބަޔަކު މިސަރަހައްދުގައިވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިންނާއި އިންޑިއާއާ އޮތް ގުޅުމުން ދިވެހިންނަށް އެންމެ ސާފުވެފައިއޮތް އެއް ހަޤީގަތަކީ ދިވެހިންގެ މިނިވަންކަން ހަޤީގަތުގައި، ދެމެހެއްޓެންއޮތް އެންމެ ބުއްދިވެރި އެއް ގޮތަކީ އިންޑިއާ އާއި އެކީގައި އަޅުގަނޑުމެން ވިސްނަމުން ކަންކަން ކުރަމުން ދިއުންކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ބަލަބަލައި ތިއްބާ އިންޑިއާ ތަރައްޤީވެ ތަނަވަސްކަންހުރި ގިނަ މީހުން މިހާރު އުފެދިފައިވާކަން ފާގަހަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ އެންމެ ސްޓޭޓެއްގައިވެސް ބައެއް ޤައުމުތަކުގެ އާބާދީއާ އެއްވަރަށް ތަނަވަސް މީހުން ތިބިއިރު އެއީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އަންނާނެ މީހުންކަމަށެވެ.

ދިވެހިން ބޭނުންވާ ކުރިއެރުން ހޯދަން ލިބިފައޮތް އެންމެ ބޮޑު އެއްނަސީބަކީ އިންޑިއާ އަކީ ރާއްޖެއާ އަވައްޓެރި ޤައުމަކަށްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އިންޑިއާ ތަނަވަސްވަމުންދާއިރު އެޤައުމުގެ ރައްޔިތުންނާއެކު ދިވެހިންނަށްވެސް ތަނަވަސް ވެވޭނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން