މާފަރު އެއަރޕޯރޓް
މާފަރު އެއަރޕޯރޓް
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑް ޓެސްޓް ސެންޓަރު ހުޅުވައިފިއެވެ.

މާފަަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓް ސެންޓަރު ގާއިމްކުރީ ސޮނޭވާގެ ޚަރަދުގައެވެ. އެތަނަށް ބޭނުންވާ މެޝިނަރީސް އިންސްޓޯލުކޮށް، ސެންޓަރު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުންނެވެ. ވާރޗްއަލް ކޮށް ގެންދިޔަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮވިޑް19ގެ އާ އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓުކުރާ ލެބެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި، ޖޫން 17 ވަނަ ދުވަހުއެވެ.

މާފަރު އެއާޕޯޓު ހިމެނޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މަތީފެންވަރުގެ ރިސޯޓުތައް ހިންގާ ސަރަހައްދެކެވެ. މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާއިރު އެ އެއާޕޯޓުގައި މިހާރު ވަނީ ތާމަލް ކެމެރާ ބަހައްޓައިފައެވެ. އަދި އެއާޕޯޓުގެ ޓާމިނަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދަތުރުތަކަށް މިހާރު ވަނީ ތައްޔާރުވާން ފަށައިފައެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓު އޮންނަ ލޮކޭޝަނަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތަކެއް ހިމެނޭ ސަރަހައްދެއް ކަމަށެވެ. މިއީ މާފަރު އެއާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ހަދާ ލެބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނު ނުކުރާނެ ކަމަށާއި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ކޮވިޑަށް ޓެސްޓުވެސް ނުކުރާނެކަމަށް ސަރުކާރުން އާންމުކޮށްފައިވާ ގައިޑްލައިންގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން