ރައީސް ސޯލިހް ރައީސް މައުމޫނާ ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ރައީސް މައުމޫނާ ބައްދަލުކުރައްވަނީ
ކޯވިޑް-19ގެ ހާލަތު ގޯސްވަމުންދާނެ ކަމަަށް ބެލެވޭތީ ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމަށް، ރައީސް މައުމޫންގެ އެމްއާރްއެމްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

އެމްއާރްއެމްގެ ފަރާތުން ރައީސް ސޯލިހަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ލޮކްޑައުން އުވާލުމާއެކު ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އިލްތިމާސާ އެއްގޮތަށް ގިނަބަޔަކު އަމަލު ނުކުރާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. ނަތީޖާ އެއްގެ ގޮތުން މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށްބޮޑަށް އިތުރުވަމުން އަންނަ ކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ގޮތަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ދެކެމެވެ." އެމްއާރްއެމްގެ ސިޓީގައި ބުނެފައިވެއެވެ.

މިއީ ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް، އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމަށް އެމްއާރްއެމްގެ ގެ ސިޓީގައި ބުނެފައިވެއެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހެދުމަށް ސިޓީގައި އެދިފައިވެ އެވެ.

"މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފުހެދުމާއި އެންމެން މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރު ކޮށްދެއްވުން އެދެމެވެ. މައްކާ މަދީނާގައިވެސް، އަދި އެހެން އިސްލާމީ ގައުމުތަކުގައިވެސް މިވަގުތު އަމަލު ކުރަމުންދަނީ މި އުސޫލުންނެވެ." ސިޓީގައި ބުނެފައިވެއެވެ.

މީގެކުރިން އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ގޮވާލައްވާފަ އެވެ. އަދި މިވަގުތު ނަމާދު ޖަމާއަތް ހެދުން އެންމެ ރަނގަޅީ ގައިދުރުކޮށްގެން ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން