ހޯމަ ދުވަހު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގި ބައެއް މީހުން
ހޯމަ ދުވަހު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގި ބައެއް މީހުން
މިފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސިން ބާއްވަމުން ގެންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ  ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ދާހިލީ އަމްނާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ރައީސަށް ލަފާ އަރުވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިފަހުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބިދޭސީން ކޮށްފައިވާ މުޒާހަރާތަކާއި ހިންގާފައިވާ ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ސަލާމަތީ ބާރުތަކަށް ހަމަލާދީ އާންމުންގެ މުދަލަށް ގެއްލުންތައް ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެންމެ ފަހުން ހޯމަ ދުވަހު ހުޅުމާލޭގައި ބިދޭސީންގެ ގިނަ ބަޔަކު ކުރި މުޒާހަރާގައި ރާއްޖޭގެ އަމުން އަމާންކަމަށް ގެއްލުންވާފަދަ ނުރައްކާތެރި މަންޒަރުތަކެއް ފެނިގެން ގޮސްފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މި ހަމަނުޖެހުން ތަކުގައިވެސް އާންމުންގެ މުދަލަށާއި ފުލުހުންގެ ވެހިކަލަކަށްވެސް ހަމަލާ ދީފައިވެއެވެ. އެމައްސަލަ އާއި ގުޅިގެން 41 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން