ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި އެޅުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލް ޢިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ކުޅުދުއްފުށްޓާއި ތިނަދޫގެ އިތުރުން ޓާޝަރީ ހޮސްޕިޓަލު ތަރައްގީ ކުރަނީ ރ. އުނގޫފާރާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.

ހެލްތް މިނިސްޓްރީން ބުނީ ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައް އަޅަން ޙަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އަށް ކަމަށެވެ.

ޓާޝަރީ ހޮސްޕިޓަލް އަޅާނީ ދެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް އިމާރާތާ ވަކިންނެވެ. ކުވެއިތު ފަންޑުގެ ލޯނުގައި ހިންގާ 76 މިލިޔަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ސީއެންއީސީސީ އާ އިއްޔެ ހަވާލުކުރީީ 30 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ހަނިމާދޫ އާއި ށ.މިލަންދޫ އާއި ނ.ވެލިދޫއާއި ކ.ތުލުސްދޫ އާއި އދ.މާމިގިއްޔާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުއްޓެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި 25 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން