ރައްޔިތުންގެ މަޖިލީހުގެ ރައީީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީީސް، ރައީސް މުޙައްމަދު ނަޝީދު
ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދަން އުފެއްދި ކޮމިޝަން އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި އެ ދެ ކޮމިޝަން އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނެއް މަޖިލީހުން ވުޖޫދުކޮށް ދެ ކޮމިޝަނަށް ވެސް ގާނޫނުން ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށެވެ. ކޮމިޝަންތައް ނުވަތަ ގާނޫނު އުވާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު އެހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"މެންބަރުންގެ ކުރިމަތީގައި އޮތީ މި ކަމުގައި ގޮތެއް ނިންމެވުން. އަޅުގަނޑަކަށް ނުފެނޭ އެ ކޮމިޝަންތަކަކީ މިހާރު ބޭނުމެއް އޮތް ކޮމިޝަންތަކެއް ކަމަށް، އެ ކޮމިޝަންތައް އުވާލަން ޖެހޭ ކަމަށް. ބޭކާރު ބޭނުމެއް ނެތް ހަރަދުތަކެއް، މި ހާއްސަކޮށް މި ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަން އުވާލަން ޖެހިއްޖެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއިރު، މީގެ ކުރިން ވެސް ނަޝީދު ވަނީ ކޮމިޝަންތަކަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން