އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން ރާއްޖެއަށް 18.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.

އޭޑީބީން ރާއްޖެއަށް ދިން މި އެހީގެ ބޭނުމަކީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމާއި، ދަޢުލަތުގެ ހިންގުން ހަރުދަނާ ކުރަން ސަރުކާރުން މެދު ރާސްތާގައި ކުރާ މަސައްކަތް ތަކަށް އެހީތެރިވުމެވެ. 2024ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އެބޭންކުން ރާއްޖެއަށް އަމާޒުކޮށް މިހާރު ކުރިއަށްގެންދާ "ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް"ގެ ބައެކެވެ.

ހަމައެއާއެކު އޭޑީބީން ވަނީ "ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް" ގެދަށުން އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ. މިއެހީގެ ބޭނުމަކީ މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުމާއި، ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފްކުރުމާއި، އިންކަމް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި، ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުމެވެ.

ހަމައެއާއެކު، ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމާއި ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފެށުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށްވެސް އޭޑީބީގެ އެހީ ބޭނުންކުރާނެއެވެ.

މިޕްރޮގްރާމްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކުރުމަށް ހަކަތައިގެ ގާނޫނު ތަންފީޒުކުރުމާއި، ފެނާއި ކަރަންޓު އަދި ސިއްހީ ފަރުވާގެ ސަބްސިޑީ ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށާއި ކްލައިމެޓް އެމަޖެންސީ ގާނޫނު އެކުލަވާލުމަށްވެސް އޭޑީބީން އެހީތެރިވުމަށް ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން