މިނިސްޓަރ އަހުމަދު މަހުލޫފް
މިނިސްޓަރ އަހުމަދު މަހުލޫފް
ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ގައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް ޔޫތު މިނިސްޓްރީން ގޮވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ގައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް، ރަޖިސްޓްރީކޮށް ހިންގަމުންދާ ބައެއް ޖަމްޢިއްޔާތަކުން ސޯޝަލް މީޑިއާއާއި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ދައްކަމުންދާ ވާހަކަތަކާ މެދު ނިހާޔަނަށް ކަންބޮޑުވާކަމަށެވެ.

އެހެން ނަމަވެސް، ގާނޫނާއި ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާ، ރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކަށާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމްޢިއްޔާ ޖަމާޢަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިނގާ ކަންތައްތަކެއް ކަމުގައި ދެކޭކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.

މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާޙު ކުރުމަށް، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން، އެ ހައްގުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކަށާއި ދައްކާ ވާހަކަތަކަށް މިމިނިސްޓްރީން އަބަދުވެސް މަރުޙަބާ ކިޔާކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އިސްލާޙު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންތައްތަކާ މެދު ވާހަކަ ދެކެވުމަކީ ހަރުދަނާ ޑިމޮކްރެޓިކް މުޖުތަމަޢުއެއް ބިނާ ކުރުމުގައި މުހިންމު ކަމެއް ކަމުގައިވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން