އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ފޮޓޯ:މަޖިލިސް
އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ފޮޓޯ:މަޖިލިސް
ޤާނޫނު އަސާސީން މުޠްލަޤަށް ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމާއި، ޚިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައި ނުގަނެވޭނެކަމަށް ސަރުކާރު ހިންގާ މައިޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުމެއް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ބުނެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނަށް ރައްދު ދެއްވައި ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްގުގެ މިނިވަންކަމަށް އަރައި ނުގަނެވޭނެކަމަށެވެ.

"މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫން. ޤާނޫނުއަސާސީން މުޠްލަޤަށް ދީފައިވާ ހައްޤެއް ނިގުޅައެއް ނުގަނެވޭނެ!" ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ހަމަ އެހެންމެ ޤާނޫނު އަސާސީގެ 31 ވަނަ މާއްދާގައި ބުނެފައިވަނީ އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި މަސައްކަތްތެރީންނަށް ލިބިގެންވާކަމަށެވެ. ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ޤާނޫނު އަސާސީން މިހާސާފު އިބާރާތަކުން މިކަންކަން ފަހިކޮށްފައިވަނިކޮށް މާލޭގެ ބޮޑެތި މަގުތަކުގައި އެންމެ ވަރުގަދަޔަށް މުޒާހަރާކޮށް ހަޅުތާލުކުރެއްވި މިއަދުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން މިފަދަ އަމުރެއް ނެރުއްވުމަކީ ބަލައިގަނެވޭނެކަމެއްނޫންކަމަށް އެމްޑީޕީގެ މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައިވާކަމަށެވެ. މިބަޔާން ނެރުނީ މިކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން