އައްޑޫން ގޯތިލިބޭ މީހުންނަށް އެބިންތަކުގައި ގެދޮރު ޢިމާރާތް ކުރުވޭނެގޮތް ހައްދަވައި ދެއްވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ގައި ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވީ އެންމެނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް އައްޑޫ މޭޔަރު ޢަލީ ނިޒާރު އިއުލާންކުރެއްވީ މިދިޔަ މަހުގެ 16 ގަ އެވެ. އެގޮތުން އައްޑޫ ސިޓީން ޖުމްލަ 4،052 ގޯތި ދޫކުރަން ނިންމައި ޝަރުތުހަމަވާ މީހުންގެ ދާއިމީ ލިސްޓު އެ ސިޓީގެ ކައުންސިލުން މިހާރު ވަނީ އާންމުކޮށްފައެވެ.

އައްޑޫން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާ ގުޅިގެން މޭޔަރު ނިޒާރު މިއަދު ވިދާޅުވީ، އައްޑޫން ގޯތި ދިނުމަށް ޝަރުތު ހަމަވެފައިވާ އެންމެހާ ފަރާތްތަކަށް ޤާނޫނީ ހުރަހެއް ނުވާނަމަ ގޯތި ދެވޭނެ ކަމަށެވެ. ހަމައެއާއެކު އެގޯތިތަކުގައި ލުއި ގޮތަކަށް ގެދޮރު ޢިމާރާތް ކުރެވޭނެ ގޮތްވެސް ހޯދައިދޭނެކަމަށް މޭޔަރު ވިދާޅުވިއެވެ.

"މިހާރުވެސް 500 ގެ އެޅުމަށް ފައިސާ ވަނީ ހަމަޖެހިފައި." ޢަލީ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މި ސަރުކާރަކީ ވަޢުދުވެއްޖެނަމަ އެވަޢުދު ފުއްދާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން އުފާވެރި އަމާން ރާއްޖެއަށް ދަތުރުފެށުމަށް ޢަލީ ނިޒާރުވަނީ އައްޑޫގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އައްޑޫ ސިޓީގެ ހަތަރު އަވަށުން 1000 ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅުގައެވެ. އައްޑޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި، ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި، ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި އަދި މީދޫން 2000 އަކަފޫޓުގެ 100 ގޯއްޗެވެ.

އައްޑޫން ފުރަތަމަ ދޫކުރާ 1،000 ގޯތި ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިންމައި ޑިސެމްބަރުމަސް ނިމުމުގެކުރިން އެ ގޯތިތައް ދޭނެކަމަށް ކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ. އަދި ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ރަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭންހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށާއި އެ ގޯތިތައް 2024، ޖޫން ގެ ނިޔަލަށް ދޫކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން