މަޝްހޫރު ދިވެހި ޕްރޮފެސަރ ޙަސަން އުގައިލް، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރެއްވި ސަބަބުން ވިދާޅުވާ އޯޑިއޯއެއް ރަސް އޮންލައިންއަށް ލިބިއްޖެއެވެ.

މިއޯޑިއޯގައި ޕްރޮފެސަރ އުގައިލް ވަނީ އޭނާ ރައީސަށް ތާޢީދުކުރެއްވީ މާލީ ބޮޑު މަންފާއެއް ސަރުކާރުން ލިބިވަޑައިގަތުމުން އޭގެ ބަދަލުގައިކަމަށްބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތައް ދޮގުކުރައްވާފައެވެ. އެއީ އެއްވެސްވަރެއްގެ ހަޤީޤަތެއް އޮތް ވާހަކަތަކެއް ނޫންކަމަށް އުގައިލް ވިދާޅުވެފައިވެއެވެ. އުގައިލް ރައީސް ޞާލިޙަށް ތާޢީދުކުރެއްވީ އެމަނިކުފާނުގެ ޝަޚުސިއްޔަތާއި ސިޔާސަތުތަކަށް ބައްލަވާފައި ކަމަށާ، އެމަނިކުފާނަކީ ރަނގަޅު ބޭފުޅެއްކަމަށް އުގައިލް ވިދާޅުވެފައިވެއެވެ.

އަދި އުގައިލް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގައި އިންޑިއާގެ އެމްބަސީއެއް ހަދަން އުޅުނު ވާހަކަ އަޑުއިވިވަޑައިގަތުމުން އެކަމާ ގުޅިގެން ސީދާ ރައީސް ޞާލިޙަށް މެސެޖުކުރެއްވިކަމަށް އުގައިލް ވިދާޅުވިއެވެ. އެދުވަހު އެކަމުގެ ކަންބޮޑުވުން ރައީސަށް ދެންނެވިކަމަށާ، އެއީ އެއްގޮތަކަށްވެސް ކުރަން ރަނގަޅުކަމެއް ނޫންކަމުގެ ވާހަކަ ދެންނެވިކަމަށް ވެސް އުގައިލް ވިދާޅުވިއެވެ.

މިއީ މިހާތަނަށް ރައީސް ޞާލިޙަށް އުގައިލް ދެންނެވި އަދި އެމަނިކުފާނުގެ ކިބައިން އެދިވަޑައިގެންނެވި ހަމައެކަނި ކަންތައްކަމަށް އުގައިލް ވިދާޅުވިއެވެ. އެދުވަހު އެކަން ބައްލަވާނެކަމަށް ރައީސް ވިދާޅުވެ ޖަބާވުދެއްވިކަމަށާ، މިހާތަނަށްވެސް އައްޑޫގައި އެފަދަކަމެއް ހިނގާފައި ނެތްކަމަށް އުގައިލް ވިދާޅުވިއެވެ.

އޭނާއަކީ ދުވަހަކުވެސް ރައީސްގެ އަރިހުން އަދި ދިވެހި ސަރުކާރުގެ ކިބައިން އަމިއްލަކަމެއް ޙާސިލްކުރުމަށް ކަމަކު އެދިފައިވާ ބޭފުޅެއް ނޫންކަމަށް އުގައިލް ވިދާޅުވިއެވެ. އަދި އޭނާއަކީ ރާއްޖެއިން ބޭރުގައި އަނބިދަރިންނާއެކު ވަރަށް ފުދިގެން ދިރިއުޅޭ ބޭފުޅެއްކަމަށް އުގައިލް ވިދާޅުވިއެވެ.

ޑރ ޙަސަން ޢުގައިލް އަކީ ހިސާބު ޢިލްމުގެ ދާއިރާއިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އުގައިލް އަކީ ހިސާބުން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ. އަދި ފުރަތަމަ ދިވެހި ޕްރޮފެސަރު ވެސް މެއެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންފޯމެޓިކްސް ގައި މަސައްކަތްކުރައްވާ ހިސާބު ޢިލްމު ވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކުޅުންތެރިޔާ

13-Sep-2023

ދިވެހި ފުރަތަމަ ޕްރޮފެސަރަކީ ޕްރޮފެސަރ ޢަބްދުﷲ ސަޢީދު



ޓްރެންޑިން