ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް ކޯޓުން މައްސަލަ ބޭރުކޮށްލަން ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ ގާނޫނުތަކާއި ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. ގާނޫނުއަސާސީގައި ފަނޑިޔާރުން އަމަލު ކުރަން ޖެހެނީ ގާނޫނުއަސާސީ އާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި މައްސަލަތައް ބެލުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހަޅާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ ހަމައެކަނި ކޯޓުގެ ނިންމުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ފަނޑިޔާރަކަށް އެ ނޫން ކަންކަމަށް ބަލައި މައްސަލަ ނިންމުމުގެ އިހްތިޔާރެއް ނޯއްނަ ކަމަށެވެ. "މި މައްސަލަ ނިންމުމުގައި ގާޒީ ބައްލަވާފައިވާ ކަންކަމުގެ ތެރޭގައި، ވަރަށް ގިނަ އިޖުރާއަތްތަކާއި ހިލާފުވެފައި ހުރި އިރު، ފާހަގަ ކުރެވޭ ދައުވާ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ނުދީ، ދައުވާ ލިބޭ މީހާގެ ފަރާތުން އެއްވެސް ދިފާއެއް ހުށަހަޅާފައި ނެތިސް މައްސަލަ ބަލާ ފަނޑިޔާރު ވަނީ ދިފާއީ ވަލީކެއްގެ ދައުރު އަދާކޮށް އެއްވެސް އަސާސެެއް ނެތް ދައުވާކުރުމަކަށް ހުރަހަކަށްވާ ދިފާއުތައް ގާޒީ އަމިއްލައަށް ފާހަގަކޮށް މި ދައުވާތަކަކީ ބާތިލް ދައުވާތަކެއް ކަމުގައި ކަނޑައަޅާފައި،"ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ގާޒީ ނެރުއްވާފައިވާ ހުކުން ވިދާޅުވުމުން މިކަން ދޭހަވާ އިރު، މި މައްސަލަ ބާތިލްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ތަންދޭ ފަދަ އެއްވެސް ގޮތަކަށް ނޫން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިފަދަ މައްސަލައެއް ބާތިލް ކުރެވިދާނެ ތިން ހަމައެއް އޮންނަކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ދައުވާތައް ބާތިލުކުރުމުގައި އޭގެ ތެރެއިން އެއްވެސް ހަމައަކަށް ބަލާފައި ނުވާކަމަށެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ އިއުތިރާފްގެ މައްޗަށް އެކަނި ބިނާކޮށްފައި ނޫން ކަމަށެވެ. އެހެން ނަމަވެސް ފަނޑިޔާރަށް ފާހަގަ ކުރެވިފައި ވަނީ ހަމައެކަނި އެ ނުކުތާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށައަޅާނެ ކަމަށް ޕީޖީ ޝަމީމް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން