ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ޤައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތްކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ހިމެނޭގޮތުން ދިވެހި ޤައުމިއްޔަތުގެ މި އަސާސްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުންކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

“ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތެވެ. އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަމެވެ. ދިވެހި ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަމެވެ. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ޤައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ.“ ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައިކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިއްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން