ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިމްޕޯޓް އަދި އެކްސްޕޯޓްކުރާ މުދަލުން ޑިއުޓީގެ ގޮތުގައި ނަގާ މިންވަރަށް ބަދަލު ގެންނަން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއެވެ. މިބިލް މުޅި މަޖިލިސް ކޮމިޓީން ދިރާސާކުރައްވާފައިވާއިރު، ބިލަށް ހުށައެޅުނު އިސްލާހުތައް ފާސްކުރުމަށްފަހު ބިލް މުޅި މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ.

މިބިލުން އައްޑޫ އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ކަނޑުގެ ދެ ބަނދަރަށް ގެންނަ މުދަލުން 30 ޕަސެންޓް ޑިއުޓީ ކުޑަކޮށްފައި އޮތްއޮތުން ބަދަލުވެ، 50 ޕަސެންޓަށް ޑިއުޓީ ކުޑަވެގެންދާނެއެވެ. އަދި ދުންފަތުގެ ބާވަތްތަކާއި އެނަޖީ ޑްރިންކްސް އާއި ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކަށް ޑިއުޓީގެ ލުއި ނުދޭން ވަނީ ފާސްކޮށްފަ އެވެ. އެނާޖީ ޑްރިންކްސްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ލީޓަރަކުން 60ރ. ނެގުމަށާއި ދުންފަތުން ނަގާ ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން ތިން ޕަސެންޓް ޕަބްލިކް ހެލްތު ފަންޑަށް ޖަމާ ކުރަންޖެހޭ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ޑިއުޓީ އަށް އިތުރަށް ގެނައި ބަދަލުތަކުގެ ތެރޭގައި ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުގެ ޑިއުޓީ 20 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރުމާއި ސެންޓުގެ ޑިއުޓީ 10 ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ވެހިކަލްތަކުގެ ބެޓެރި ފިޔަވައި އެހެން ބާވަތުގެ ބެޓެރީގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުން ހިމެނެ އެވެ.

އަތޮޅުތަކުގެ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދާ މުދާތަކުގެ ތެރެއިން ގިނަ ބާވަތްތަކުގެ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލުމަށާއި އުތުރާއި ދެކުނުގެ ބަނދަރަށް ގެންދެވޭ މުދަލާއި އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދެވޭ މުދަލުގެ ތެރެއިން ޑިއުޓީ ކަނޑާލެވޭ މުދަލުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ނުހިމަނަން މިއަދުގެ ޖަލްސާގައި ހުށަހެޅައި ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން