ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެެވެ.

ހިޔާ ފްލެޓްތަކުން އިއްޔެ އާއި މިއަދު ކަރަންޓް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދެނީ ރައްޔިތުންނާ ގުޅިފައިވާ ހިދުމަތްތަކެއް ކަމަށާއި އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. ގެންނަން ޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް ފަދަ މަސައްކަތްތަކާ ގުޅިގެން އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުރިހާ ކަމެއް އަންގާ ކަމަށް ސްޓެލްކޯއިން ބަޔާނުގައިވެއެވެ.



"މި ދެންނެވި ގޮތާ ހިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމެންޓުން އަމަލުކޮށް، އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކަނޑާލައިފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ސްޓެލްކޯ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިޔާސީ އިންތިހާބާ ގުޅުވައިގެން ބައެއް މީޑިއާތަކުން ސްޓެލްކޯއާ މެދު ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ އެ ކުންފުންޏާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ޚަބަރުތައް ފެތުރުން ހުއްޓުވުމަށް ގޮވާލާފައެެވެ. ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަސާސްތަކާއި މިންތައް ދެމެހެއްޓުމަށް ވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން