ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު
ފަޚުރުވެރި އާއިލާތަކެއް ބިނާ ކުރުމަށް ވެވަޑައިގެންފައިވާ ވަޢުދު ހަނދާން ނުނެތޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ޖެންޑަރ މިނިސްޓްރީން ފަށާފައިވާ "ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރެއްވުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިޙު ވިދާޅުވީ، ގެވެށި އަނިޔާއަކީ ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގަނެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއީ ޢާއިލާތައް ހަލާކުވެ، އުފާވެރި ޖީލުތަކެއް ބިނާކުރުމަށް ހުރަސްއަޅާ މައިގަނޑު އެއް މައްސަލަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލަ ޙައްލުކުރުމުގައި މުޅި ދައުލަތް ޒަމާންތަކެއް ވަންދެން ނުކުޅެދިފައި އޮތްކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، މިކަން ޙައްލުނުކޮށް، މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް ކަމަށެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން މިއަދު މި ފަށާ މަސައްކަތަކީ، ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް. މި ކެމްޕެއިންގެ މަޤްޞަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން. މި ކެމްޕެއިންގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެން ދިޔުމަކީ ސަރުކާރުގެ އުއްމީދު." ރައީސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އަށް ކަނޑައަޅާފައިވާ ބަޖެޓުވެސް 294 މިލިއަން ރުފިޔާއަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުންދާކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރޭޕް އަދި ޖިންސީ ގޯނާއަކީ، ގްރޭވް ކްރިމިނަލް އޮފެންސް (ޖިނާއީ ބޮޑު ޖަރީމާއެއް) ގެ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް ޢަމަލުތައް ބަހައްޓައިގެން ނުވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ މީހުން އަލުން "ވިކްޓިމައިޒް" ވިޔަދީގެން ނުވާނެ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ، ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށް ވީހިނދު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން. "ނޫނެކޭ" ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއް. އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ، އަނެކާއަށް އޮތް ޙައްޤެއް ނޫން. އަދި، އެފަދަ ޢަމަލެއް ހިންގާ އެއްވެސް މީހަކު، އިންސާފުގެ ކުރިމަތީގައި އިސްތިސްނާ ވެގެންނުވާނެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުމަށް، 5 ނަމެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި 3 އަންހެން ބޭފުޅަކު ހިމެނޭނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ރުހުން ލިބި، މަޤާމަށް ޢައްޔަނުކުރުމުން، ދިވެހި ސަފީރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ ޢަދަދު ހަމަހަމަ ވެގެންދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ ވެސް އަންހެނުން ބާރުވެރި ކުރުވުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ދަވާލި19

16-Jul-2020

ބަލަގަ މިއިނދަ ބޮލުރޮދިކެނޑިފަވާ ރައީސް ތިޔައުޅުއްވަނީ ފަޚުރުވެރި ކެބިނެޓެއް އައްޔަންނުކުރެވިގެން އުޅޭހާލު ކޮން ފަޚުރުވެރި އާއިލާއެއް ބުނާކުރެވޭނީ


-8

ރަސްއައިނު

16-Jul-2020

ތިކަމުގައިވެސް ކެނެރީގޭފުތުގެ ރުހުން އޮންނަންވާނެނުން. އޭނަ މާދަން މަޖިލީހުގަ ބުނާނެ ހައްޤުތައްހޯދަދިނުމަކީ ޖެންޑާ މިނިސްޓްރީ އާއި އަދި ރައީސް ގެ ކަމެއްނޫނޭ. އެކަންކުރަންޖެހޭނީ މި އިއްޒަތްތެރި މަޖިލީހުންނޯ. ކޮވިޑް ގެ ނުރައްކާ ކުޑަކުރުމަށް އެޗްޕީއޭ އިން ފިޔަވަޅު އަޅަންފެށީމަވެސް ބުނީ ޞިއްޙީ މާހިރުންނަކަށް ނޫނޭ އެނގޭނީ އަޅަންވާ ފިޔަވަޅު އެކަން އެނގޭނީ އަޅުގަނޑުމެން މި ޢިއްޒަތްތެރި މަޖިލީހަށް ވިއްޔާ އެވެ. މިހާރު މުޅިޤައުމުގެ ބާރު އެދަނީ މަޖިލީހުގެ ބާރު ބޭނުންކޮށްގެން މަޖިލީހުގެ ނަމުގައި އެމަނިކްފާނުގެ އަތްމައްޗަށް ބަދަލުކުރަމުންވިއްޔާ



ޓްރެންޑިން