ގާޒީ އިސްމާއިލް ރަޝީދު
ގާޒީ އިސްމާއިލް ރަޝީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ހުށައެޅި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކުރަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އަދީބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީގެ މައްސަލަތައް ޖޭއެސްސީން ބަލަން މިނިންމީ މައްސަލައާއި މެދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިމައްސަލައިގައި ވަރަށް ހިތްހަމަ ނުޖެހިގެން ގާޒީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ. ރައީސް ނަޝީދަކީ ޖޭއެސްސީގައި އިންނަވާ ބޭފުޅެކެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން ނިއްމެވި ނިއްމެވުމުގައެވެ. އެ ނިންމެވުމާ ގުޅިގެން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ގާޒީ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިސްމާއިލް ރަޝީދުގެ މައްސަލަ ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމާއިލް ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އަދީބުގެ ހަތް ދައުވާގެ މައްސަލައިގައި، އޭނާ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމަށެވެ. ޖޭއެސްސީއިން ބުނީ އެ މައްސަލަ ބަލަން ނިންމައި، އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެއް ކަން ފާހަގަކޮށްލެވެއެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އަދީބުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން