ރިޒޯޓު ތަކުގެ ކުލި ނުދައްކައިގެން ނަގާ ޖޫރިމަނާ ސަރުކަރުން މާފު ކުރިކަމަށްބުނެ މީޑިއާ އަދި މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުން އަންނަނީ މުޅިން ހަޤީޤަތާ އެއްގޮތަށް ނޫންކަމަށާ ރިޒޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑުކޮށްކަމަށްވާތީ އެކަމަށް ސަރުކާރުން ޙައްލު ގެނައީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މީޑިއާގައި ފަތުރަމުންދާ ވާހަކަތަކުން އޮޅުންއަރާގޮތްވާތީ މިއުވާންވަނީ އެކަން ސާފުކޮށްދެއްވާފައެވެ. ރިސޯޓުތަކުގެ ކުލި ސަރުކާރުން މާފު ނުކުރާކަމަށާ، ކުލި ނުދައްކައިގެން އަރާ ޖޫރިމަނާވެސް އެއްކޮށް މާފު ނުކުރާކަމަށް މިއުވާން ވިދާޅުވިއެވެ. ރިޒޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑަށްކަމަށާ، އެއީ އަހަރަކަށް 182 އިންސައްތައިގެ ރޭޓުންކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި ބޭންކުތަކުން ނަގާ އިންޓްރެސް ހުންނަނީ އާންމުކޮށް މީގެ 36 ގުނަ އަށް ވުރެވެސް ކުޑަކޮށްކަމަށާ، ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފައިކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރުން 2019ގައި ނިންމައި 2020ވަނަ އަހަރު ތަންފީޒު ކުރަން ފެށީ މި ޖޫރިމަނާ 18 އިންސައްތައަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި މިކަން ތަންފީޒުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ މިސާލު ދައްކަވަމުން މިއުވާން ވިދާޅުވީ ކުރީގެ ރޭޓުގައި (180 އިންސައްތަ) 1 މިލިއަން ރުފިޔާގެ ރިޒޯޓުން ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަ ވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭކަމަށެވެ. އެއީ ކުލީގެ 1 މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާކަމަށެވެ. މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއްކަމަށާ، އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއި އެކު ޖޫރިމަނާގެ ރޭޓަށް މިގެނެވުނު ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މިބަދަލާއެކު ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އާ ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު ދެވި އުނިވެގެން ދިޔައީ 18 އިންސައްތައަށްވުރެ ބޮޑަށް ހުރި ބައި އެކަނިކަމަށްވެސް މިއުވާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން