އަމިއްލަ ޖަމިއްޔާ އަކުން މަޖިލިސް ކައިރީގައި ކުރި މުޒާހަރާ އެއްގެ ތެރެއިން
އަމިއްލަ ޖަމިއްޔާ އަކުން މަޖިލިސް ކައިރީގައި ކުރި މުޒާހަރާ އެއްގެ ތެރެއިން
އެއްވެ އުޅުން ހަނިކުރުމަށް ހޯމް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއިމެދު ބައިނަލްއަޤްވާމީ ފަރާތްތަކުން ފާޑުކިޔައި ސަރުކާރު ހޫނުފެނަށް ވެއްޓުމުން، އެފިޔަވަޅު ތަކަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާއި އެކު އަޅާފައިވާ "ވަގުތީ" ފިޔަވަޅުތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދެން ޖެހޭއިރު އެއީ މިހާރު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން އެޅިފައިވާ ހުރަސްތަކެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތަށް، ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.

މާލޭގައި މިފަހަކަށް އައިސް ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ވަނީ ވަރަށަ ބޮޑަށް އިތުރުވެފައެވެ. އެގޮތުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކުން އަންނަނީ އެއްވުންތައް ބާއްވާ މިފަދަ މައްސަލަތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެވެ.

ދާދިފަހުން ސަރުކާރުން ވަނީ މާލެސިޓީގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ބުނެ އާންމު އިއުލާނެއް ވެސް ނެރެފައެވެ. ހޯމް މިނިސްޓްރީގެ އިއުލާނާއި އެއްވެ އުޅުން ހަނިކުރާ އިސްލާހަކީ ގާނޫނޫ އަސާސީ އާއި ޚިލާފު އިސްލާހެއް ކަމަށްބުނެ އެ މާއްދާ ބާތިލްކުރުމަށް ބާ ކައުންސިލުން ވެސް ރޭ ވަނީ ގޮވާލާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ގައިދުރުކަން ބެހެއްޓުމަށާއި އެއްތަނެއްގައި އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައި ކަމަށެވެ. އަދި ރާއްޖޭގައި ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަން ފާހަގަކޮށް ފޮރިން މިނިސްޓްރީ އިން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށްފަހު، އެމީހުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ފަރާތްތަކުން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންދާއިރު، މި ސްޓޭޓްމެންޓުގައި ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން ފެއިލްވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މިހާރު ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.

ސަރުކާރުން ބުނީ ހަމަނުޖެހުން ހިންގުމަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ، އަޑުއުފުލާ ޖަމިއްޔާތަކަށް ސަރުކާރުން ވަނީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. ކުރީ ސަރުކާރުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" މި ސަރުކާރުން ވަނީ އުވާލާފައެވެ. އެހެން ނަމަވެސް އެއްވެ އުޅުން ހަނިކުރަން ކުރީގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު އުވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން